ސްކޫލުތަކުގެ ކްލާސް ރޫމުތަކުގައި އެއާކޮންޑިޝަން ހަރުކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން، އިޔާދަކުރަނިވި ހަކަތައިގެ ނިޒާމު ބޭނުންކޮށްގެން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އޭސީ ހަރުކުރާނެ ކަމަށް ރައީސް މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ހުޅުދުއްފާރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ހޫނުގަދަ ރަށްރަށުގައި ސްކޫލްތައް ފިނިކުރެވެންޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި އެކަމަށް މަޝްރޫއެއް ފަށާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މަޝްރޫޢަށް ރަނގަޅު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.
"މިއަހަރު ތެރޭގައި ހުޅުދުއްފާރު ހިމެނޭހެން ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކޫލްތައް އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އޭސީ ކުރާނަން. އަދި މަސައްކަތް ކުރަނީ ސެޕްޓެމްބަރު މަހުގެ ކުރިން އެ މަޝްރޫއު ނިންމުމަށް،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ހުޅުދުއްފާރުގެ ތަރައްގީއަށް ފަށާފައިވާ މަޝްރޫއުތަކާއި، އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމާއި އާ މަޝްރޫއުތައް ފަށައި އެ މަސައްކަތްތައް ބާރު ސްޕީޑުގައި މިއަހަރު ކުރިއަށް ގެންދިއުމަކީ ރައްޔިތުންނަށް ދެއްވާނެ ޔަގީންކަން ކަމަށެވެ. އަދި މިދިޔަ ސަރުކާރުގައި ފެށި ހުއްޓިފައިވާ މަޝްރޫއުތަކެއް އެބަހުރި ކަމަށާއި، އެކަންކަމަށް ވެސް ހައްލުތަކެއް ހޯދިފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"މިސާލަކަށް މިރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއަކީ ބޮޑުހިލަ ސަޕްލައި ކުރުމުގައި ދަތިތަކެއް ހުރުމުން ހުއްޓެން ދިމާވި ކަމެއް. އެކަމަށް ހައްލެއް ހޯދައިފިން. އެކަމަށް ޝެޑިއުލެއްގެ ތެރެއިން މިރަށް ވެސް ހިމެނޭހެން ބޮޑުހިލަ ޖެހުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ހިނގައިގަންނާނެ،" ރައީސް ވިދާޅުވި އެވެ.
ހުޅުދުއްފާރު ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ހުއްޓިފައިވާތީ އެކަމާ ބެހޭ ގޮތުން ވިދާޅުވީ އެ ރަށުގެ ގިރާ ސަރަހައްދުގެ މަސައްކަތާއި ބޮޑުހިލަ ނެތުމުން ކުރިއަށް ނުގޮސްހުރި މަޝްރޫއުތައް ވަރަށް އަވަހަށް ކުރިއަށްދާނެ ކަމަށެވެ. އަދި މިއަހަރުގެ ބަޖެޓުން ހުޅުދުއްފާރުގެ ބަނދަރުގެ މަރާމާތާއެކު ބޭރު ތޮށިވެސް ބޭނުންކުރެވޭ ގޮތަށް ހަމަޖެއްސެވުމަށް މަސައްކަތްކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެރަށުގެ ސްކޫލުގެ ޖާގައިގެ މައްސަލައަށް ވެސް ހައްލު ބޭނުންވާކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ހުޅުދުއްފާރު ސްކޫލަށް ޖާގަ އިތުރުކުރުމަށް ފަށާފައިވާ މަޝްރޫއު ކުރިއަށް ނުގޮސްއޮތުމުގެ ކަންބޮޑުވުން ފާޅުކުރައްވާ ރައީސް ވިދާޅުވީ، އެރަށު ސްކޫލަށް 12 ކްލާސް ރޫމް އިތުރުކުރުމުގެ މަޝްރޫއު ކޮންޓްރެކްޓަރަށް ކުރިއަށް ގެންދެވޭނެގޮތް ހަދައި އެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށެވެެ. އަދި ސްކޫލަށް އޮފީސް ޖާގަ އިތުރުކޮށް އެނޫންވެސް ވަސީލަތްތައް ހޯއްދަވައިދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ސިޔާސަތަކީ ޢިމާރާތެއްގެ އިތުރުން ގައުމަށް ތަރައްގީ ގެނެވޭނީ ޒުވާން ޖީލަށް ތައުލީމާއި ތަރުބިއްޔަތު ދީގެން. އެހެންކަމުން ސްކޫލަށް ވަސީލަތް ހޯދައިދިނުމަކީ ވަށައިޖެހޭ ތަރައްގީ. ހިތްހަމަ ޖެހޭ މާހައުލެއް ގާއިމްކުރުމަކީ އޭގެ އުފާވެރިކަން ލިބޭނެ ކަމެއް. އެހެންކަމުން ސްކޫލަކަށް ބޭނުންވާ އިންފްރާސްޓްރަކްޗާއާއި އެނޫންވެސް ވަސީލަތް ގާއިމްކޮށް ތަޢުލީމީ ދާއިރާއަށް އަޅުގަނޑު ވަރަށް އިސްކަންދެން އިރާދަކުރެއްވިއްޔާ އެކަންކަންވާނެ،". ރައީސް ވިދާޅުވި އެވެ.
ފީފާ ފެންވަރުގެ ފުޓުބޯޅަ ދަނޑެއް އެޅުމަށް ވަޢުދުވެފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އާރުޑީސީއާއި އެނޫންވެސް ކުންފުނިތަކާއެކު މަސައްކަތްކޮށް އެ ވަޢުދުވެސް ފުއްދަވާނެކަމަށެވެ. އަދި އިންޑޯ އަދި އައުޓްޑޯ ކުޅިވަރު މަރުކަޒެއް އެޅުމަށްވެސް ވަޢުދުވެފައިވާކަމަށާއި، އަންނަ އަހަރު އެ ވަޢުދުވެސް ފުއްދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންފައިވާ އެއްވެސް ވަޢުދެއް ހަނދާން ނުނެތޭ ކަމަށެވެ. އެގޮތުން އެރަށުގައި ދަނާލެއް އެޅުމަށް ވެސް ވައުދުވެފައިވާ ކަމަށާއި، ސަބަބަކީ އެރަށަކީ ރަށުން ބޭރުން ގިނަ ޢަދަދެއްގެ ކުދިން ތައުލީމު އުނގެނެމުން އަންނަ ރަށަކަށްވުން ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދެ އަހަރު ދުވަހުގެ ތެރޭގައި އެ މަޝްރޫއު ވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ.
ރައްޔިތުންގެ އުންމީދާ ގުޅިފައިވާ ހުރިހާ ކަމެއް ވެސް ކުރިއަށްދާނެކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ ރައްޔިތުންނަށް ކަންކަން ފަހިވާނެ ގޮތްތައް ހޯދައިގެން ކުރިއަށްދާ ކަމަށެވެ. އަދި އަބަދުވެސް މަސައްކަތް ކުރައްވާނީ ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށް އެ އަމާޒަށް ވާސިލްވުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.