ހިރިޔާ ސްކޫލް ބެލެނިވެރިންގެ މެދުގައި ބޭއްވި ފުޓްބޯޅަ މުބާރާތެއްގައި ފުޓުބޯޅަ މެޗެއް ކުޅެނިކޮށް ބެލެނިވެރިއަކު ކުއްލި ގޮތަކަށް ރޭ ނިޔާވެއްޖެ އެވެ.
އެ ސްކޫލުގެ ޕީޓީއޭއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މުބަރާތް ކުޅުނީ ބުރާސްފަތި ދުވަހުގެ ރޭ ހިރިޔާ ސްކޫލުގެ ޓާފުގަ އެވެ.
މި ހާދިސާގައި ނިޔާވީ ފުވައްމުލަކުގައި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށްވާ އަހުމަދު ޝަރީފު (ބިގާ ޝަރީފު) އެވެ. 90 ގެ އަހަރުތަކުގައި ބިގާ ޝަރީފު ވަނީ އެ ރަށު ހޯދަޑު އަވަށު ހޯދަޑު ސްޕޯޓްސް ކްލަބަށް ކުޅެ ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފަ އެވެ.
އެ ރަށުގެ ގިނަ މީހުންނާ ގުޅޭ ބިގާ ޝަރީފު ކުއްލިއަކަށް ނިޔާވި ހަބަރު ލިބުމާއެކު ގިނަ ބަޔަކަށް ވަނީ ސިހުން ލިބިފަ އެވެ. އަދި ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އޭނާ ހެޔޮދުއާ ކުރަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބިގާ ޝަރީފު ނިޔާވީ ފުޓުބޯޅަ މެޗު ނިންމާލުމަށް ފަހު އައިސް ވަރުބަލިވެގެން ޖައްސާލިތަނާ އެވެ. އަދި އެވަގުތު އޭނާގެ ޚަބަރެއް ނުވުމުން އެތަނުގައި ތިބި މީހުން ބިގާ ޝަރީފު އައިޖީއެމްއެޗަށް ގެންދިޔަ ކަމަށާއި އޭރު ވެސް ވަނީ ނިޔާވެފައި ކަމަށްވެ އެވެ.
މި ހާދިސާއާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ހިއްސާކުރި މެސެޖެއްގައި ވަނީ، މެޗަށް ފަހު ދަނޑުމަތީގައި އޮށޯވެ އޮތް ބެލެނިވެރިއަކަށް ސިއްހީ މައްސަލައެއް ދިމާވިކަން ފާހަގަވެގެން އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް ސްކޫލުން މިނިސްޓްރީއަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި މި ބެލެނިވެރިޔާ ނިޔާވެފައިވާ ކަމަށް މިނިސްޓްރީގެ މެސެޖުގައި ފާހަގަކޮށްފައިވެ އެވެ.
އެ މިނިސްޓްރީން ވަނީ ނިޔާވި ބެލެނިވެރިޔާގެ އާއިލާއަށް ތައުޒިޔާ ކިޔާފަ އެވެ.