ހޮލީވުޑްގެ މައި ރަށް ލޮސް އެންޖެލަސްގައި ހިނގި އަލިފާނުގެ ހާދިސާތަކާއެކު މިއަހަރުގެ އޮސްކާ އެވޯޑު ކެންސަލް ކުރަން އުޅޭ ކަމަށް އަޑުތައް އަރައިފި އެވެ.
ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އަލިފާނުގެ ހާދިސާގައި މުޅި ހޮލީވުޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ އޮސްކާގެ ހިންގުންތެރިން މިއަހަރުގެ އެވޯޑް ކެންސަލް ކުރަން ވިސްނަމުން ދާ ކަމަށެވެ.
މާޗް މަހުގެ ދެވަނަ ދުވަހަށް ތާވަލު ކޮށްފައިވާ މިއަހަރުގެ އޮސްކާ އެވޯޑް ކެންސަލް ކޮށްފިނަމަ އެ ވެގެންދާނީ 96 އަހަރަށްފަހު އޮސްކާ އެވޯޑްގެ ހަފްލާ ކެންސަލް ކުރެވޭ ފުރަތަމަ ފަހަރަށެވެ.
މީގެ ކުރިން އަލިފާނުގެ ހާދިސާގެ ސަބަބުން އެ އެވޯޑުގެ ނޮމިނޭޝަންތައް އިއުލާން ކުރުމުގެ ހަފްލާ ކެންސަލް ކުރެވުނު ނަމަވެސް ފަހުގެ ތާރީހެއްގައި އެ ހަފްލާ ވަނީ ބާއްވާފަ އެވެ.
މިއަޑުތަކާ ގުޅިގެން އޮސްކާގެ ހުށައެޅުންތެރިޔާ ކޮނަން އޮ ބްރިއަން ބުނެފައިވަނީ އޮސްކާގެ ހަފްލާ އަދިވެސް އޮތީ ފަސް ހަފްތާ ފަހުން ކަމަށާއި އެހާތަނަށް ހާލަތު ރަނގަޅުވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
ލޮސް އެންޖެލަސް އަލިފާނުގެ ހާދިސާތަކުގައި ހޮލީވުޑްގެ އެތައް ތަރިންނެއްގެ ގެދޮރު ގެއްލި ބައެއް ފިލްމުތަކުގެ މަސައްކަތަށް ވެސް ހުރަސް އެޅިފައިވެ އެވެ.