ފުލުހުންނަށް މަގާމުގެ ކުރިއެރުން ދިނުން މަޑުޖައްސާލަން އަމުރު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމައިފި އެވެ.
ފުލުހުންނަށް ކުރީގެ ސަރުކާރުން ދޭން ނިންމި ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން 2023 ވަނަ އަހަރު ނޮވެމްބަރު މަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި އެންގުމަށް ފުލުހުން ތަބާނުވުމުން އެ މައްސަލަ އެ ކޮމިޝަނުން ސިވިލް ކޯޓަށް ހުށަހެޅި އެވެ.
އެ މައްސަލަ ނިމެންދެން ޕްރޮމޯޝަން މަޑުޖައްސާލުމުގެ އަމުރަކަށް އެދުމުން ސިވިލް ކޯޓުން ނިންމީ އެ އަމުރު ނެރެދެވެން ނެތް ކަމަށެވެ.
އެ މައްސަލަ އޭސީސީން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ޕްރޮމޯޝަންތައް ދިން ނަމަވެސް އެކަމުގެ ސަބަބުން އޭސީސީއަށް ލިބޭނެ ގެއްލުމެއް އެ ކޮމިޝަނަށް ބުނެ ނުދެވޭ ކަމަށެވެ. އަދި ޕްރޮމޯޝަންތައް މިހާރު ހުރީ ދީ ނިމިފައި ކަމަށްވާތީ އަމުރެއް ނެރުނު ނަމަވެސް އިތުރަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
އެހެންކަމުން އޭސީސީން އެދުނު ފަދަ އަމުރެއް ނެރެވެން ނެތް ކަމަށް ހުކުމުގައިވެ އެވެ.
މި މައްސަލާގައި ކުރީގެ ސަރުކާރާއި މި ސަރުކާރުން ވެސް ވަނީ ޕްރޮމޯޝަންތައް ދިނުން ހުއްޓުވަން އޭސީސީއަށް އަމުރު ނުކުރެވޭނެ ކަމަށް ބުނެފަ އެވެ.