ޝާހްރުކް ޚާންއަކީ ފާއިތުވި 30 އަހަރު ބޮލީވުޑްގައި ގިނަ ފިލްމުތަކެއް ކުޅެ އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ. އޭނާގެ ފިލްމީ ހަޔާތުގައި ޝާހްރުކް ޚާން ވަނީ ގިނަ ތަރިންތަކަކާއެކު މަސައްކަތްކޮށްފަ އެވެ.
90ގެ އަހަރުތަކުގައި މަޝްހޫރުވި މަދޫރީ ޑިކްސިޓް، ޖޫހީ ޗާވްލާ އަދި ކާޖޮލްއިން ފެށިގެން މިފަހުގެ ބަތަލާއިން ކަމަށްވާ އަނުޝްކާ ޝަރްމާ، ދީޕިކާ ޕަދުކޯން އަދި ތާޕްސީ ޕަންނޫއާއެކު ވެސް ޝާހްރުކް ވަނީ މަސައްކަތް ކޮށްފަ އެވެ.
އޭގެ ތެރެއިން ވެސް ކާޖޮލްއަކީ އޭނާގެ ހާއްސަ އެކުވެރިއެއް ކަމަށް އަަބަދުވެސް އޭނާ ބުނެ އެވެ. އެ ދެމީހުންގެ ފިލްމުތަކަށް އާއްމުންގެ ބޮޑު ތަރުހީބެއް ވެސް ލިބެ އެވެ. އެހެން ނަމަވެސް ޝާހްރުކް ޚާން އެކުގައި އެންމެ މަސައްކަތް ކުރަން ބޭނުންވަނީ ކާޖޮލްއާއެކު އެއް ނޫނެވެ.
ކޮފީ ވިތު ކަރަންގެ ޝޯއެއްގައި އެކަމާ ބެހޭގޮތުން ސުވާލު ކުރެވުމުން ޝާހްރުކް ޚާންގެ އަންހެނުން ގައުރީ ވެސް އެންމެ ފުރަތަމަ ހީކުރީ އެ ސުވާލުގެ ޖަވާބަކީ ކާޖޮލް ކަމަށެވެ.
އެހެން ނަމަވެސް ޝާހްރުކް ޚާން ބުނެފައިވަނީ އެކުގައި މަސައްކަތް ކުރަން އޭނާއަށް އެންމެ ކަމުދާ އެކްޓަރަކީ ހެއްވާ މަޖާ ރޯލުތަކުން ފެންނަ ޖޮނީ ލިވާ ކަމަށެވެ.
ޖޮނީ ލިވާ ވަނީ ޝާހްރުކް ޚާންގެ ގިނަ ފިލްމުތަކެއްގައި ސަޕޯޓިން އެކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވެފަ އެވެ. އެގޮތުން "ދިލްވާލޭ ދުލްހަނިޔާ ލޭޖަޔޭންގޭ"، "ކުޗް ކުޗް ހޯތާހޭ" އަދި "ކަބީ ހުޝީ ކަބީ ގަމް"ގައި ވެސް އޭނާ ފެނުނެވެ.
ޝާހްރުކް ޚާންގެ މިހާރުގެ މަސައްކަތްތަކަށް ބަލާއިރު އޭނާ ދެން އެންމެ އަވަހަށް ފެންނާނީ ދަރިފުޅު ސުހާނާއާއެކު ފިލްމު "ކިންގް"އިން ކަމަށް ބުނެވެ އެވެ.