ގާނޫނީ ކޯޅުންތަކެއްގެ ތެރޭގައި އުޅެނިކޮށް ހޮލީވުޑްގެ މަޝްހޫރު ތަރި ބްލޭކް ލައިވްލީގެ އިންސްޓަގްރާމް އެކައުންޓް ހެކް ކޮށްފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި މީގެ ދެ ދުވަހެއް ކުރިން ބްލޭކްގެ އެކައުންޓަކަށް ސްޕޭމް އެޓޭކެއް އަމާޒުވެ އޭނާގެ އަތުން އެ އެކައުންޓްގެ ބާރު ކެނޑުނެވެ.
އެގޮތުން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ބްލޭކްގެ އިންސްޓްގްރާމް އެކައުންޓަށް ބަދު އަހުލާގީ ގިނަ ފޮޓޯތަކަކާއި ވީޑިއޯތަކެއް އަޕްލޯޑު ކުރެވުނެވެ.
ބްލޭކްއާއި އޭނާގެ ޓީމަށް މިކަމުގެ ހަބަރު އެންމެ ފުރަތަމަ ނޭނގުނު ނަމަވެސް އޭނާގެ ޓީމުން ވަނީ އެ އެކައުންޓްގެ ސެކިއުރިޓީ ވަރުގަދަކޮށް އެ ހަމަލާއިން ސަލާމަތް ކޮށްފަ އެވެ.
އިންސްޓަގްރާމް ހިންގާ މެޓާ ކުންފުނިން ވަނީ ބްލޭކްގެ އެކައުންޓަށް އަމާޒުވި ސްޕޭމް އެޓޭކް ކުށްވެރިކޮށް އޭނާގެ އެކައުންޓުގައި ހުރި ބަދުއަހުލާގީ ކޮންޓެންޓް ނަގަމުންދާ ކަމަށް ބުނެފަ އެވެ.
ބްލޭކްގެ އެކައުންޓް ހެކް ކުރެވިފައި މިވަނީ އޭނާއާއި އޭނާގެ "އިޓް އެންޑްސް ވިތު އަސް" ކޯ ސްޓާރު ޖަސްޓިން ބެލްޑޯނީއާ ދެމެދު ގާނޫނީ ކޯޅުމެއް ހިނގަމުންދާ ދަނޑިވަޅެއްގަ އެވެ.