މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މިބިލް މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މިބިލް މަޖިލީހަށް ތައާރަފުކޮށް ބިލްގެ ފުރަތަމަ ކިޔުން އިއްވާފަ އެވެ.
މި ބިލުގައި ހިމެނެނީ ޓްރާންސްޕޯޓު އޮތޯރިޓީގެ ވަސީލަތްތަކާއި މުވައްޒަފުން ޓްރާންސްޕޯޓު މިނިސްޓްރީގެ ދަށަށް ބަދަލުކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމާއެކު ޓްރާންސްޕޯޓު އޮތޯރިޓީގެ ގާނޫނު އުވާލުމެވެ. އެގޮތުން ޓްރާންސްޕޯޓު އޮތޯރިޓީގެ ޤާނޫނު އުވުމާއި، އެ ގާނޫނު އުވުމުގެ ކުރިން ޓްރާންސްޕޯޓު އޮތޯރިޓީގެ މިލްކުވެރިކަމާއި އެ އޮތޯރިޓީގެ ބެލެހެއްޓުމުގެ ދަށުގައި ހުރި ހުރިހާ ތަކެއްޗާއި މަޖިލީހުން ފާސްކުރި ބަޖެޓުގައި އޮތޯރިޓީއަށް ހާއްސަ ކޮށްފައިވާ ފައިސާވެސް ޓްރާންސްޕޯޓު މިނިސްޓްރީއަށް ބަދަލުވާނެ ކަމަށް ބިލުގައިވެ އެވެ. އަދި އެ އޮތޯރިޓީން ހަދާފައިވާ އެއްބަސްވުންތަކުގެ ދަށުން އޮތޯރިޓީއަށް ލިބިދޭ ޙައްޤުތަކާއި އޮތޯރިޓީއާ މަތިވާ އިލްތިޒާމުތައް ވެސް މިނިސްޓްރީއަށް ލިބޭގޮތަށް ކަނޑައަޅާފައިވެ އެވެ. އަދި އެ އޮތޯރިޓީގެ ސިވިލް ސާވިސް ހުރިހާ މުވައްޒަފުން ވެސް މިނިސްޓްރީގެ ދަށަށް ބަދަލުވެ އެވެ.
މި ބިލަށް އަމަލުކުރަން ފަށާނީ ރައްޔިތުންގެ މަޖިލިހުން އެ ބިލު ފާސްކޮށް ރައީސް ތަސްދީގުކުރައްވައި، ސަރުކާރުގެ ރަސްމީ ގެޒެޓުގައި ޝާއިއުކުރައްވާ ދުވަހުން ފެށިގެން ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީ އާއި އޮތޯރިޓީއާ ދެމެދު ގާނޫނީ ފުށުއެރުންތަކެއް އެބަހުރި ކަމަށާއި އޮތޯރިޓީ އުވާލަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށް އެންމެ ފުރަތަމަ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ކުރިއަށް ގެންދާ ސިލްސިލާ ކެމްޕޭން ބައްދަލުވުމުގައި، ޓްރާންސްޕޯޓް އޮތޯރިޓީގައި ވެހިކަލް ރަޖިސްޓްރީކުރުމުގައި ކުރިމަތިވާ މައްސަލަތަކާ ގުޅޭ ގޮތުން ކެންޑިޑޭޓަކު ކުރެއްވި ސުވާލަކާ ގުޅިގެން ރައީސް ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގައި މައްސަލަތަކެއް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ބާރުތައް ފުށުއެރުމުގެ މައްސަލަތަކެއް ހިމެނޭ ކަމަށް ވިދާޅުވި އެވެ. އަދި އެތަނުގެ މަސައްކަތްތައް ހިނގުން ލަސްކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.
އެ ގާނޫނު އުވާލައި ޓްރާންސްޕޯޓު މިނިސްޓްރީގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައުމާއެކު، މިނިސްޓްރީގެ ހިނގުން އަވަސް ވެގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވެފައިވެ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީ އުވާލަން ހުށައެޅި ކަމުގައިވިޔަސް އެވުޒާރާގެ މިނިސްޓަރު އައިޝަތު ނަހުލާއަށް ފުރިހަމައަށް އިތުބާރު އެބައޮތް ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.