ހަންގަނޑަށް އެކި ކަހަލަ މައްސަލަތައް ދިމާވާކަމުގެ ޝަކުވާއަކީ ވަރަށް ގިނައިން އިވޭ ޝަކުވާއެކެވެ. މިއީ ބައެއް ފަހަރު ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުން ދިމާވާ މައްސަލަތަކަށް ވެސް ވެދާނެ އެވެ. އެހެންކަމުން ހަންގަނޑަށް ގެއްލުންވާ ކަހަލަ އާދަތަކުން ދުރުވާން ޖެހެ އެވެ.

ގިނައިރު ފޯނުން ވާހަކަ ދެއްކުން

ދިރާސާތަކުން ދައްކާ ގޮތުން ފާހާނާ ތަށީގައި ބެކްޓީރިއާ ހުންނަ މިންވަރަށް ވުރެ އިތުރަށް އަޅުގަނޑުމެން ބޭނުންކުރާ ފޯނުތަކުގައި ޖަރާސީމު ހުރެ އެވެ. އެހެންކަމުން ފޯނުން ވާހަކަ ދައްކާއިރު ފޯނުގައި ހުންނަ ޖަރާސީމުތައް މޫނުގެ ހަންގަނޑަށް ދެ އެވެ.

އެހެންކަމުން ޓިޝޫއެއް ނުވަތަ މަޑު ފޮތިކޮޅަކުން ކޮންމެ ދުވަހަކު ވެސް ފޯނު ސާފުކުރަން ހަނދާން ބަހައްޓާށެވެ. އަދި ގިނަގިނައިން އަތް ވެސް ދޮންނަން އާދަކުރާށެވެ.

ގަޑިން ގަޑިއަށް ނުކެއުން

ގިނަ މީހުންނަކީ ދުވާލަކު ދެ ފަހަރު ކައިގެން އުޅޭ މީހުންނެވެ. ވަގުތު ނުވާތީ އެވެ. ނަމަވެސް ކާނާ އަކީ ހަށިގަނޑަށް ބާރު ލިއްބައިދީ ހަންގަނޑުގެ ތާޒާކަން ވެސް ދަމަހައްޓައިދޭ ވަސީލަތެވެ. ހަންގަނޑަކީ ހަށިގަނޑުގެ އެންމެ ބޮޑު ގުނަވަނަށް ވީއިރު، ގަޑިން ގަޑިއަށް ނުކާނަމަ އެކަމުގެ ގެއްލުން ހަންގަނޑަށް ކުރާ މިންވަރު ވެސް ބޮޑުވެ އެވެ. އެކަށީގެންވާ ވިޓަމިން ހަންގަނޑަށް ނުލިބޭ ނަމަ، ހަމުގައި ހުންނަ ތާޒާކަމާއި ރީތިކަން ގެއްލޭނެ އެވެ.

ކަސްރަތު ނުކުރުން

ކަސްރަތު ނުކުރުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ކުރަނީ ހަމައެކަނި ތިމާގެ ހިތާއި ބަރުދަނަކަށް ނޫނެވެ. ކަސްރަތުގެ ސަބަބުން ލޭ ހޮޅިތައް މެދުވެރިކޮށް ހަންގަނޑަށް އޮކްސިޖަން އާއި ކާނާ ފޯރުކޮށްދޭ މިންވަރު އިތުރުކޮށްދެ އެވެ. އަދި ސްޓްރެސް އިން ދުރުކޮށްދީ ހަމުގެ ދުޅަހެޔޮކަން އިތުރުކޮށްދެ އެވެ.

ނަމަވެސް ކަސްރަތު ކުރާއިރު ވެސް ވިސްނާލަން ޖެހޭ ބައެއް ކަންކަން އެބަހުއްޓެވެ. އެގޮތުން މޭކަޕްކޮށްގެން ހުރެ ކަސްރަތު ނުކުރުމާއި، ކަސްރަތުކޮށް ނިމުމަށްފަހު މޫނު ދޮވެ، ފެންވެރުން ފަދަ ކަންކަން ހިމެނެ އެވެ. ނޫންނަމަ ހަންގަނޑަށް ގެއްލުން ވާނެ އެވެ.

ހޫނު ފެނުން ފެން ވެރުން

ހޫނު ފެނުން ފެންވަރާލުމަކީ މީހާއަށް ތާޒާކަމެއް ލިބިދޭ ކަމެއް ނަމަވެސް ހަންގަނޑަށް އެކަމުގެ ނޭދެވޭ އަސަރުކުރެ އެވެ. ހޫނުގެ ސަބަބުން ހަމުގައި ހުންނަ ގުދުރަތީ ތެޔޮކަން ކަނޑުވައިދެ އެވެ. ހޫނު ފެނުގެ ނޭދެވޭ އަސަރުން ހަންގަނޑު ސަލާމަތްކުރުމަށް 10 މިނެޓަށް ވުރެ ގިނައިރު ފެން ނުވަރާށެވެ. އަދި ފެންވަރާ ނިމުމުން މަޑު ތުވާއްޔަކުން ފެން ހިއްކުމަށްފަހު ހަށިގަނޑު މޮއިސްޗަރައިޒް ކޮށްލާށެވެ.

މާ ގިނައިން ހަކުރު ބޭނުން ކުރުން

ހަކުުރުގެ މިންވަރު އިތުރުވުމުގެ ސަބަބުން ބިހިނެގުމާއި، ލަކުނުލުން ކަހަލަ ކަންކަން ކުރިމަތިވެ އެވެ. އެއީ ހޯމޯންތަކަށް އަންނަ ބަދަލެއްގެ ސަބަބުން މެދުވެރިވާ ކަމެކެވެ. އަދި ހަށިގަނޑުގައި ހަކުރުގެ މިންވަރު އިތުރުވާ ނަމަ ހަންގަނޑުގައި ރޫޖެހުމުގެ ފުރުސަތު ވެސް ބޮޑުވެގެން ދެ އެވެ. އެހެންކަމުން ކެއުމުގައި ފޮނިކާ އެއްޗެހި ބޭނުންކުރާ މިންވަރު މަދުކުރުން ބުއްދިވެރި އެވެ.

މޫނުގައި ހުންނަ ބިހި ކޮށްޓުން

ބައެއް މީހުންނަށް ހީވެފައި އޮންނަނީ ބިއްސެއް ކޮށްޓާލުމުން ފަސޭހައިން އެ ބިހި ފިލައިގެން ހިނގައިދާނެ ކަމަށެވެ. ނަމަވެސް މޫނުގައި ހުންނަ ބިހި ކޮށްޓުމުގެ ސަބަބުން ހަންގަނޑުގެ ތެރެއަށް ޖަރާސީމު ވަނުމުގެ ފުރުސަތު ބޮޑުވެ އެވެ.

އެކަށީގެންވާ ވަރަށް ނިދި ނުލިބުން

ރަނގަޅަށް ނުނިދާ ގިނަ ދުވަސްވާނަމަ، ހަންގަނޑު ހަލާކުވާގޮތް ވެ އެވެ. އެކަށީގެންވާ ނިދި ނުލިބޭ ނަމަ ލޯ ކައިރި ކަޅުވެ، ހަންގަނޑުގެ ތާޒާކަން ގެއްލި އުމުރަށް ވުރެ ހަންގަނޑި ދުވަސްވެފައިވާ ކަމަށް ދައްކާނެ އެވެ.