ބޮލީވުޑްގެ ގިނަ ފިލްމުތަކަކުން އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ އެކްޓަރު ސޯނޫ ސޫދު ހައްޔަރު ކުރަން ކޯޓު އަމުރެއް ނެރެފި އެވެ.
މަކަރާއި ހީލަތުގެ މައްސަލައެއްގައި ކަފާލާތުގެ ހައްގު ބޭނުން ނުކުރެވޭ ގޮތަށް ސޯނޫ ހައްޔަރު ކުރަން އަމުރު ނެރެފައިވަނީ އިންޑިއާގެ ލުދިއާނާގެ ކޯޓަކުންނެވެ.
އެ ކޯޓުގެ އަމުރުގައި ބުނެފައިވަނީ އެ މައްސަލައިގެ އަޑުއެހުންތަކަށް ހާޒިރުވާން ސޯނޫއަށް އެންގި އެންގުންތަކަށް އަމަލުކޮށްފައި ނުވާތީ އޭނާ ހައްޔަރުގައި ބަހައްޓައިގެން މާދަމާ އޮންނަ އަޑުއެހުމަށް ހާޒިރު ކުރަން އަމުރުކުރާ ކަމަށެވެ.
މި ކޯޓު އަމުރާ ބެހޭގޮތުން ސޯނޫ އޭނާގެ ސޯޝަލް މީޑިއާގައި އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ އޭނާއާ އެއްވެސް ގުޅުމެއް ނެތް މައްސަލައެއްގެ ޝަރީއަތަށް އަންނަން އޭނާއަށް އެންގި ކަމަށެވެ.
"މިހާރަކަށް އައިސް ފިލްމީ ތަރިން ވެފައިވަނީ ވަރަށް ފަސޭހަ ޝިކާރައަކަށް. އަހަރުމެން ކަމެއްގައި ބައްދާލަން ވަރަށް ފަސޭހަ" ސޯނޫ ބުނެފައިވެ އެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު ސޯނޫ އެންމެ ފަހުން ފެނިފައިވަނީ މި އަހަރު ނުކުތް އެކްޝަން ތުރިލާ ފިލްމު "ފަތޭހް" އިންނެވެ.