ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ތަރި ސަލްމާން ޚާން މީގެ ވިއްސަކަށް އަހަރު ކުރިން ޖަލުގައި ހޭދަކުރި ދުވަސްތަކުގެ ތަޖުރިބާ އާއްމުންންނާ ހިއްސާ ކޮށްފި އެވެ.

ސަލްމާންގެ ކޮއްކޮ އަރްހާން ޚާންގެ ޕޮޑްކާސްޓްގައި ވާހަކަ ދައްކަމުން ސަލްމާން ވަނީ ދިރިއުޅުމުގައި ގަދައަޅާ މަސައްކަތް ކުރުމުގެ މައްޗަށް އަލިއަޅުވާލާފަ އެވެ.

އެގޮތުން އޭނާ ޖަލުގައި ހުރި ދުވަސްވަރު އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނަ ކަމަށާއި އެހެން ނަަމަވެސް ލޯބިވާ މީހުންގެ ހައްގުގައި ކޮންމެ ފަހަރަކު ވެސް ތެދުވަނީ ކަމަށް ސަލްމާން ބުންޏެވެ.

ފުރަތަމަ ފަހަރަށް ޕޮޑުކާސްޓަކަށް ދިން އެ އިންޓަވިއުގައި ސަލްމާންގެ ޖަލު ތަޖުރިބާއަށް އަލިއަޅުވާލާފައިވާއިރު މިއީ އޭނާ ވަރަށް މަދުން ނޫނީ ނުދައްކާ ވާހަކަ އެކެވެ.

2006 ވަނަ އަހަރު ޖޯދުޕުރުގެ ކޯޓަކުން ސަލްމާން ފަސް އަހަރަށް ޖަލަށް ލާން ހުކުމްކުރީ "ހަމް ސާތު ސާތުހޭ"ގެ ޝޫޓިންގެ ތެރެއިން ބްލެކް ބަކް މަރާލި މައްސަލައިގަ އެވެ. އެހެން ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން އޭނާ ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ.

2018 ވަނަ އަހަރު ވެސް ހަމަ އެ މައްސަލާގައި ސަލްމާންއާ ދެކޮޅަށް ހުކުމް އިއްވައި ޖަލަށް ލީ ނަމަވެސް އެ ފަހަރު ވެސް އޭނާ ވަނީ ވަރަށް އަވަހަށް ދޫކޮށްލާފަ އެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު ސަލްމާން ދެން އެންމެ އަވަހަށް ފެންނާނީ މިއަހަރުގެ އީދާ ދިމާކޮށް ނެރެން ހަމަޖެހިފައިވާ ފިލްމު "ސިކަންދަރު"އިންނެވެ.