އެކްސިޑެންޓަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު ސްޓްރޯކެއް ޖެހުމުން ފަރުވާ ނުދީ ލަސްކުރި ކަމަށް ބުނާ މައްސަލަ ރިވިއު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ސްޓްރޯކް ޖެހި ފަރުވާ ލަސްވި ކަމަށް ބުނާ މީހާގެ އާއިލާއިން ބުނީ އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ހަ ގަޑިއިރު ފަރުވާ ނުދީ ބަހައްޓާފައިވާ ކަމަށެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގައި އުސޫލުތަކާ ހިލާފަށް އެއްވެސް ކަމެއް ހިނގާފައިވާނަމަ ނުވަތަ އިހުމާލެއް ވެފައިވާނަމަ އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

ސްޓްރޯކް ޖެހުނީ ޓެކްސީ ޑްރައިވަރެއް ގޮތުގައި މަސައްކަތްކުރާ އަލީ ޝިމާން ނަސީރު، 41، އަށެވެ. އޭނާ ދުއްވި ކާރު ހުޅުމާލެ ފޭސް 1 ވެމްކޯ ބްރިޖް ކައިރިން އިއްޔެ ހެނދުނު 10:13 ހާއިރު އެކްސިޑެންޓުވުމުން، އެތަނަށް އެޓެންޑުވި ފުލުހުން ބެލީ އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ.

ފުލުހުން ބުނީ މައްސަލައާ ގުޅިގެން ޝިމާން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކުޑަކަމުދާތަކެތި ތަހުލީލު ކުރުމަށް ފަހު، ނެގެޓިވްވުމުން ދޫކޮށްލާފައިވާ ކަމަށެވެ.

ޝިމާންގެ އާއިލާއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ޝިމާންއަށް ސްޓްރޯކެއް ޖެހުނުކަން ހުޅުމާލެ ހޮސްޕިޓަލުން ޔަގީންކޮށްދީފައިވާކަމަށެވެ. އަދި އޭނާގެ ހާލަތަށް ބަދަލެއް އައިސްފައި ނުވާތީ އިތުރު ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސް އެމަޖެންސީގައި ފަރުވާ ދެމުންދާ ކަމަށް އާއިލާއިން ބުންޏެވެ.

އާއިލާއިން މި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށްވެސް ހުށަހަޅން ނިންމާފައިވާ ކަމަށް ބުނެފައިވެ އެވެ.