ސްޓްރޯކްއަކީ މިއަދު ދިވެހި ރާއްޖޭގައި ވެސް އާއްމު ވަމުން އަންނަ ކަމެކެވެ. ވަގުތު އޮއްވާ ސްޓްރޯކެއް ދެނެގަނެވި އެކަމަށް އަވަސް ފަރުވާ ލިބުމަކީ ސްޓްރޯކުން ލިބޭ ދިގު މުއްދަތުގެ ގެއްލުން ކުޑަ ކުރެވިދާނެ ކަމެކެވެ.

ތިމާއަށް ނުވަތަ ތިމާގެ ގާތް މީހަކަށް ސްޓްރޯކެއް ޖެހޭކަން ދެނެގަތުމަށްޓަކައި ބަލަންޖެހޭ ކަންތައްތަކެއް ހުރެ އެވެ. އެކަންތައްތައް އަންގައިދިނުމަށްޓަކައި އިނގިރޭސި ބަހުން ބޭނުންކުރެވޭ އަތްމަތީ ބަހަކީ "ބީ ފާސްޓް" އެވެ. މި އިބާރާތުގެ ކޮންމެ އިނގިރޭސި އަކުރަކުން ދައްކައިދެނީ ސްޓްރޯކްގެ އަލާމާތެކެވެ.

ބީ - ބެލެންސް ކުރަން އުނދަގޫވުން

މީހަކު ސީދަލަށް ކޮޅަށް ހުރުމުގައި އުނދަގޫތަކެއް ކުރިމަތިވާނަމަ އެއީ ސްޓްރޯކެއްގެ ފެށުން ކަމުގައި ވިސްނަންވާނެ އެވެ. މިއީ ކޮންމެ ސްޓްރޯކެއްގައި ވެސް އާއްމު އަލާމާތެކެވެ.

އީ - ލޮލުގެ ފެނުން ފުސްވުން

އިނގިރޭސި ބަހުގެ އީ އަކުރުން ދައްކައިދެނީ ލޮލެވެ. ކުއްލިއަކަށް ލޮލުގެ ފެނުން ފުސްވެ ޑަބަލް ވިޝަން ފެނުމަކީ އެއްވެސް ހާލަތެއްގައި ފަރުވާ ކުޑަ ކޮށްގެންވާނެ ކަމެއް ނޫނެވެ.

އެފް - މޫނުގެ މަސްތައް އެލުން

މޫނުގެ މަސްތައް އެލޭކަން ފާހަގަވާނަމަ އެއީ ސްޓްރޯކެއް ޖެހޭ ކަމުގެ ވަރަށް މުޖައްރިބު އަލާމާތެކެވެ. އެކަން އެންމެ ބޮޑަށް ފާހަގަވާނީ ހިނިތުން ވެލުމުންނެވެ.

އޭ - އަތުގެ ބާރު ދަށްވުން

އެއްފަރާތުގެ އަތުގެ ބާރު އާދަޔާ ހިލާފަށް ދަށްވެ އާއްމުކޮށް ކުރާ ކަންކަން ކުރުމުގައި ދަތިތައް ކުރިމަތިވުމަކީ ސްޓްރޯކްގެ ބާރު ގަދަވަމުން އަންނަ ކަމުގެ އަލާމާތެކެވެ.

އެސް - ވާހަކަ ދައްކަން އުނދަގޫވުން

ވާހަކަ ދައްކާއިރު ބަސް ބޭނުންކުރަން އުނދަގޫވުމާއެކު ދޫ ބަރުވެ ދައްކާ ވާހަކަ ސާފު ނުވުމަކީ ވެސް އެ މީހަކަށް ސްޓްރޯކެއް ޖެހޭކަން އަންގައިދޭ ވަރަށް ސާފު އަލާމާތެކެވެ.

ޓީ - އަވަސް ފަރުވާއަށް ގުޅުން

މަތީގައި ދެންނެވުނު ހުރިހާ ކަމެއް މީހެއްގެ ކިބައން ފެންނަނަމަ ލަސްނުކޮށް އަވަސް ފަރުވާއަށް ގުޅަންވީ ވަގުތު އައިސް ޖެހުނީ އެވެ.