މާލޭ ސިޓީ ކައުންސިލްގެ ލިޔެކިޔުންތައް ޑިޖިޓަލައިޒް ކުރަން އަމިއްލަ ކުންފުންޏަކަށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނީ އެ މަސައްކަތް ނުނިމެނީސްކަން ހާމަވެއްޖެ އެވެ.
މިކަން ހާމަވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "ހުރިހާ" އިން ހޯދަން އެދުނު މައުލޫމާތު މާލޭ ސިޓީ ކައުންސިލުން ދިނުމުންނެވެ.
ސިޓީ ކައުންސިލުން ދިން މައުލޫމާތުގައިވާގޮތުން އެކުއަޓައިޒް ޕްރައިވެޓް ލިމިޓެޑާ އެ މަސައްކަތް ހަވާލުކުރީ 17 މެއި 2022 އިން 16 މެއި 2022 ގެ ނިޔަލަށް މަސައްކަތް ނިންމާގޮތަށް ކަމަށެވެ. އޭރު މޭޔަރަކަށް ހުންނެވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 1161000 ރުފިޔާއަށް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. ނަމަވެސް އެ ފައިސާ ދީފައި ވަނީ މަސައްކަތް ނުނިމެނީސް ކަމަށް އެ ކައުންސިލުން ބުންޏެވެ.
ދާދިފަހުން ހައުސިން މިނިސްޓްރީ ހިންގި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި މާލޭ ސިޓީ ކައުންސިލްގެ ސެކްޝަނެއް ހިންގި އިމާރާތަށް އަސަރުކޮށް މާލޭގެ ރައްޔިތުންގެ ގޯތީގެ ރަޖިސްޓްރީ ފަދަ މުހިންމު ލިޔެކިޔުންތަކެއް ވަނީ އަނދައި އަޅިއަށްވެފަ އެވެ.
އެހެންކަމުން މިއީ ބަޔަކަށް ނާޖާއިޒުގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދިނުމަށް ހިންގާފައިވާ ކޮރަޕްޝަންގެ އަމަލެއް ކަމަށް ތުހުމަތުކުރެވެ އެވެ.