ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ޖަސްޓިން ބެލްޑޯނީއާއި ބްލޭކް ލައިވްލީއާ ދެމެދު ހިނގަމުން އަންނަ ކޯޓު ހަނގުރާމައިގެ ތެރެއިން ޖަސްޓިންއާއި އޭނާގެ ޓީމުގެ ބައެއް މެމްބަރުންގެ ފޯނު ރެކޯޑުތައް ބަލަން ބްލޭކް އެދެފި އެވެ.
ހޮލީވުޑްގެ ހަބަރުތަކުން ބުނާ ގޮތުގައި ބްލޭކްގެ ވަކީލުން ވަނީ ޖަސްޓިންގެ އިތުރުން އޭނާގެ ޕަބްލިސިސްޓުންނާއި "އިޓް އެންޑްސް ވިތު އަސް"ގެ ބައެއް ޕްރޮޑިއުސަރުންގެ ފޯނު ރެކޯޑުތައް ބަލަން މޮބައިލް އޮޕަރޭޓަރުންނަށް ނޯޓިސް ފޮނުވާފަ އެެވެ.
މިކަމުގެ ފަހަތުގައިވާ ބްލޭކްގެ މަގްސަދަކީ މިހާރު ބްލޭކް ޖަސްޓިންއަށް ކޮށްފައިވާ ޖިންސީ ފުރައްސާރައިގެ ދައުވާއަށް ހެކި ހޯދުން ކަމަށް ބުނެވެ އެވެ.
ބްލޭކްގެ ވަކީލުން ބުނާ ގޮތުގައި ޖަސްޓިންއާއި އޭނާގެ ޓީމުން އަންނަނީ އެ މައްސަލާގައި ބްލޭކްގެ އަބުރަށް އަރައި އާއްމުންގެ މެދުގައި އޭނާ ބަދުނާމު ކުރަން މަސައްކަތް ކުރަމުންނެވެ.
"އިޓް އެންޑްސް ވިތު އަސް"ގައި އެކުގައި މަސައްކަތްކުރި ޖަސްޓިންއާއި ބްލޭކް އެކަކު އަނެކަކަށް ގިނަ ތުހުމަތުތަކެއް ކޮށް އެ މައްސަލަ މިހާރު ވަނީ ކޯޓަށް ވެސް ގޮސްފަ އެވެ.
ބްލޭކް ޖަސްޓިންއަށް ޖިންސީ ފުރައްސާރައިގެ ދައުވާ ކުރާއިރު ޖަސްޓިން ބްލޭކްއަށް ކޮށްފައިވަނީ އަބުރަށް ގެއްލުން ދިނުމުގެ ދައުވާ އެވެ.