ރަސްފަންނާއި ސަލްޓަންޕާކް މަރާމާތުކޮށް އެ ދެ ތަނަށް ރީތިކަމާއި އާރޯކަން ގެނެސްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއިރު، އެކަން ކުރުމަށްވާންޖެހޭ އެންމެހައި ތައްޔާރީތައް ވެ ނިމިފައިވާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒުގެ ވާހަކަފުޅާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރު އާޒިމް ވިދާޅުވީ އެކަމަކީ ގިނަ ކަންތައްތަކެއް އިންތިޒާމްކޮށްގެން ނޫނީ ކުރެވޭނެ ކަމަކަށްނުވާތީ އަމަލީ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ކަންކަންކޮށް ނިމިފައިވާ ކަމަށެވެ.
އެގޮތުން ރަސްފަންނުގެ ވެލިގަނޑުގެ ރަނގަޅުކުރުމަށް ބޭނުންވާ ތިމާވެށީގެ ހުއްދަ އީޕީއޭއިން މިހާރު ލިބިފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ އެތަނުގެ ޗަކަ ނަގައި، ބޭނުންވާ މަސައްކަތް ކުރުމަށް ހަވާލުކުރެވިފައިވާ ކޮންޓްރެކްޓަރު އަންނަ ހަފްތާގެ ތެރޭގައި މަސައްކަތް ފަށާނެ ކަމަށެވެ. ކުރިން އެތަން ބެލެހެއްޓުމާ ހަވާލުވެފައިވާ ފަރާތުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރިއަށް ނުގެންދެވުމުގެ ސަބަބުން، އެފަރާތާއެކު ވެފައިވާ އެއްބަސްވުން މިހާރު ބާތިލުކުރެވިފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
"ދެން ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ކުރިއަށް ގެންދާނީ ސީދާ ސިޓީ ކައުންސިލުންނެވެ. މާލޭގެ ލޮބުވެތި ރަށްވެހީންނަށް އަޅުގަނޑު ޔަގީންކަން މި އަރުވަނީ، ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށްކަމެވެ،" މޭޔަރު ވިދާޅުވި އެވެ.
ރަސްފަންނާއި ސަލްޓަން ޕާކަކީ ސިޓީ ކައުންސިލްގެ ދަށުގައި އޮތް ތަންތަނަށް ވާއިރު، ރައީސް މުއިއްޒުގެ މޭޔަރުކަމުގައި އެ ތަންތަން މަރާމާތުކުރަން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެމަނިކުފާނަށް ފާޑުކިޔަމުންނެވެ.