މާލޭގައި ފުޅާ ދާއިރާއެއްގައި މޮބައިލް ފޯނުގެ ވިޔަފާރިކުރާ "ސެލްޒޯން" ފިހާރަ ހަތަރުވަނަ ފަހަރަށް ފަޅާލައި، 300،000ރ. ތަކެތި ރޭ ވަގަށް ނަގައިފި އެވެ.

އެ ފިހާރަ 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެއް ފަހަރު ފަޅާލާފައިވެ އެވެ.

ސެލްޒޯން ފިހާރައިގެ ފަރާތުން ވާހަކަ ދެއްކި އަބްދުލް ހަމީދު ބުނީ ލޮނުޒިޔާރަތްމަގުގައި ހުންނަ އެ ފިހާރަ ފަޅާލާފައި ވަނީ ރޭ ފަތިހު 3:45 ހާއިރު ކަމަށެވެ. ފިހާރަ ފަޅާލައިގެން 27 މޮބައިލް ފޯނާއި ސްމާޓް ވޮޗާއި އައިޕެޑާއި އެއާޕޮޑް ފަދަ އަގު ބޮޑުތަކެތި ވަގަށް ނަގާފައިވާ ކަމަށް އޭނާ ބުންޏެވެ.

ރޭ ފަތިހު ފަޅާލި މޮބައިލް ފޯނު ފިހާރައިގެ މައިދޮރު ހަލާކޮށްލާފައި: މިތަނުން ތިން ލައްކައަށްވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށް ނަގާފައިވޭ.

"ދެ ޝޯކޭހެއްގައި ހުރި ތަކެތި ވަގަށް ނަގާފައި ވަނީ. ވަގުން މިތަނަށް ވަދެފައި ވަނީ ބޭރުގައި ހުރި ލެމިނޭޓެޑް ގްލާސް ތަޅާލަން އުޅެ ނުތެޅުމުން މައި ދޮރުގެ ބިއްލޫރިގަނޑު ތަޅާލައިގެން،" ހަމީދު ބުންޏެވެ.

އޭނާ ބުނީ އެ ފިހާރަ ތިން ފަހަރު ތަޅާލައިގެން ވަގުން ވަދެފައި ވާތީ އެންމެފަހުން މަރާމާތުކުރުމަށްފަހު ހުޅުވީ ބޭރުގައި ލެމިނޭޓެޑް ގްލާސް ޖަހައިގެން ކަމަށެވެ. އަދި ފިހާރަ ހުރީ އިންޝުއާ ކޮށްފައި ކަމަށް ވެސް ހަމީދު ބުންޏެވެ.

"މިތަނުގެ ކެމެރާތަކުން ފެންނަން އެބަހުރި ވަގުކަލޭގެ ފެންނަން. އޭނާ ހުރީ ހުޑް އަޅައިގެން މާސް ވެސް އަޅައިގެން މޫނު ނިވައިކޮށްގެން،" އޭނާ ބުންޏެވެ. "އޭނާ އަތްކަނޑައިގެން ގޮސް ހުރި ތަނުން ލޭ ތިކި ވެސް ފިހާރަ ތެރޭގައި އެބަހުރި."

ހަމީދު ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ތަހުގީގު ޓީމެއް ގޮސް ބަލާފައިވާ ކަމަށެވެ.