ބޮލީވުޑްއާއި ހޮލީވުޑްގައި ވެސް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ތަރި ޕްރިޔަންކާ ޗޯޕްރާ އޭނާގެ މާޒީގެ ބައެއް ސަފްހާތައް އާއްމުކޮށް ދައްކާލައިފި އެވެ.

މީގެ ދެ ދުވަސް ކުރިން އިންސްޓަގްރާމްގައި ޕްރިޔަންކާ ކުރި ޕޯސްޓެއްގައި އޭނާ ވަނީ ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ނަގާފައިވާ ފޮޓޯތަކެއް ހިއްސާ ކޮށްފަ އެވެ.

އެގޮތުން އެންމެ ޅަފަތުގެ ފޮޓޯތަކާއި ފުރާވަރާއި މޮޑެލް ކުރަން ފަށައިގަތް ދުވަސްވަރުގެ އިތުރުން މިސް ވޯލްޑް މުބާރާތުގައި ބައިވެރިވި ދުވަސްވަރުގެ ފޮޓޯތައް ވެސް އެ ޕޯސްޓުގައި ހިމަނާފައިވެ އެވެ.

އެއާއެކު ބޮލީވުޑަށް އޭނާ އެންމެ ފުރަތަމަ އެޅި ފިޔަވަޅުގެ ހަނދާންތައް އާކޮށް އަޖޭ ދޭވްގަންއާއެކު ކުރިއަށްދިޔަ ރީޑިންއެއްގެ ފޮޓޯ ވެސް އޭނާ ހިއްސާ ކޮށްފައިވެ އެވެ.

އެ ޕޯސްޓާއެކު ޕްރިޔަންކާ ބުނެފައިވަނީ އޭނާގެ ގެލަރީ ހުސް ކުރަމުން ދަނިކޮށް މާޒީގެ ސަފްހާތަކުގައި އަޅައިގަތީ ކަމަށާއި އެހެން ކަމުން އެ ސަފްހާތައް އޭނާގެ ސަޕޯޓަރުންނާ ވެސް ހިއްސާކުރީ ކަމަށެވެ.

ބޮލީވުޑްގައި ކާމިޔާބު ފިލުމުތަކެއް ކުޅުމަށްފަހު ލަވަކިޔުންތެރިޔާ ނިކް ޖޯނަސްއާ ކައިވެނިކޮށް އެމެރިކާއަށް ދިރިއުޅުން ބަދަލުކުރި ޕްރިޔަންކާ މައިގަނޑު ގޮތެއްގައި މިހާރު ފެންނަނީ ހޮލީވުޑުންނެވެ.