އެމެރިކާގެ ސްޓޭޓެއް ކަމަށްވާ މިޗިގަންގައި ފިހާރައަކުން ވައްކަން ކުރުމުގެ އަދަބެއްގެ ގޮތުގައި އެ ފިހާރައިގެ ޕާކިން އޭރިއާގައި ހުރި ކާރުތައް ދޮންނަން ހުކުމްކޮށްފި އެވެ.

މިޗިގަންގެ ކައުންޓީ ޑިސްޓްރިކްޓް ކޯޓުގެ ފަނޑިޔާރު ޖެފްރީ ކްލޯތިއާ ވަނީ އެ ސްޓޭޓްގެ ވޯލްމާޓް ފިހާރައަކުން ބައެއް މުދާ ނެގި 75 ވަރަކަށް މީހުންނަށް އެ އަދަބު ދީފަ އެވެ.

މިގޮތަށް އިޖުތިމާއީ ހިދުމަތުގެ އަދަބު ދިނުމަކީ ވައްކަން ކުރުމުން ދުރުހެލިވެ މުޖުތަމައުއަށް ފައިދާހުރި ކަންކަމުގައި އުޅެން މީހުންނަށް ހިތްވަރު ލިބޭނެ ކަމެއް ކަމަށް ޖެފްރީ ގަބޫލު ކުރެ އެވެ.

ޖެފްރީ އިތުރަށް ބުނީ ވައްކަންކުރާ ކޮންމެ މީހަކީ ގޯސް މީހެއް ނޫން ކަމަށާއި ބައެއް މީހުންނަކީ މަޖުބޫރު ވެގެން ކުށްތަކަށް އަރައިގަންނަ މީހުން ކަމަށެވެ.

އެހެން ކަމުން އެފަދަ މީހުން މުޖުތަމައުއަށް އަނބުރާ އަންނަން ދެވަނަ ފުރުސަތެއް ދިނުމަކީ މުހިއްމު ކަމެއް ކަމަށް ވެސް ޖެފްރީ ބުނެފައިވެ އެވެ.

އެމެރިކާގެ މަޝްހޫރު ބިޒްނަސް ޗެއިންއެއް ކަމަށްވާ ވޯލްމާޓްގެ ފިހާރަތަކުން ވައްކަން ކުރުން އިންތިހާއަށް އިތުރުވެފައިވާއިރު އެކަން ހައްލު ކުރުމަށް އެ ކުންފުނީގެ މެނޭޖްމަންޓުން ވަނީ ބައެއް ފިޔަވަޅުތައް ވެސް އަޅަން ފަށާފަ އެވެ.