2023 ވަނަ އަހަރު ކުއްލި ގޮތަކަށް މަރުވި މަޝްހޫރު ޓީވީ ޝޯ ފްރެންޑްސްގެ ތަރި މެތިއު ޕެރީގެ ހަޔާތުގެ އެންމެ ފަހު ދުވަސްތައް ދައްކުވައިދޭ ޑޮކިއުމެންޓްރީއެއް ނެރެން ތައްޔާރުވެއްޖެ އެވެ.

ސްޓްރީމިން ޕްލެޓްފޯމެއް ކަމަށްވާ "ޕީޕޮކް"އިން "މެތިއު ޕެރީ: އަ ހޮލީވުޑް ޓްރެޖެޑީ"ގެ ނަމުގައި ނެރޭ އެ ޑޮކިއުމެންޓްރީގައި މެތިއުގެ މަރާ ބެހޭ އާ މައުލޫމާތުތަކެއް ހިމެނޭނެ ކަމަށް ބުނެވެ އެވެ.

އެ ޑޮކިއުމެންޓްރީގެ އެންމެ ފުރަތަމަ ޓްރެއިލާ މިހާރު އާއްމު ކޮށްފައިވާއިރު އޭގައި މެތިއުގެ މަރާއި އެ މަރާ ގުޅިގެން މިހާރު ކުރިއަށްދާ ފުލުހުންގެ ތަހުގީގަށް އަލިއަޅުވާލާނެ އެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އޭނާ ދިރިއުޅެމުން ދިޔަ ގޭގެ ފާހާނާ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މެތިއުއަކީ ޑުރަގް އެޑިކްޝަންއާ ވެސް ހަނގުރާމަކުރި މީހެކެވެ.

އެގޮތުން ޑްރަގްގެ ވަބާއިން ސަލާމަތްވާން އޭނާ ކުރި ދަތުރުގެ ތަފްސީލުތައް އޭނާގެ އޮޓޯ ބައޮގްރަފީގައި ވެސް ހިމަނާފައިވާކަން ފާހަގަ ކޮށްލެވެ އެވެ.

މެތިއުއަކީ 1994 ން 2004 އަކަށް ކުރިއަށް ގެންދިޔަ އެންބީސީގެ ސިޓްކޮމް "ފްރެންޑްސް"ގައި ޗޭންޑްލާގެ ރޯލުން ފެނިގެންދިޔަ އެކްޓަރެވެ.