ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިނަމަ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ވޯޓު ނުދެއްވާނެ ކަމަށް ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން ވިދާޅުވެއްޖެ އެވެ.
"ހުރިހާ"އާ ވާހަކަދެއްކި ޕީއެންސީގެ މަޖިލިސް މެންބަރުން ވިދާޅުވީ މިއަދު ބޭއްވި ޕީޖީ ބައްދަލުވުގައި ގިނަ މެންބަރުން އެކަމާ ދެކޮޅު ހެދިޔަސް އެ މެންބަރުން ތިއްބެވީ ރައީސް މުއިއްޒު އަންގަވާގޮތެއްގެ އިންތިޒާރުގައި ކަމަށެވެ.
"އެ ބިލް ބަލައިނުގަންނަން ރައީސް މުއިއްޒު އަންގަވައިފިނަމަ، އެފަދައިން ވޯޓުދޭން ގިނަ މެންބަރުން ތިބީ ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.
މިއީ ސަރުކާރުން ކުރާކަމެއް ނޫންކަން ދެއްކުމަށްޓަކައި މި ބިލް ހުށަހެޅީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ލައްވައެވެ.
އެ ބިލާ ގުޅޭގޮތުން މެންބަރުންގެ ހިޔާލު ހޯދުމަށް މިއަދު ވަނީ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި އެ ބިލާ އެއްކޮޅަށް ވާހަކަދެއްކެވީ އެންމެ ފަސް މެންބަރުން ކަމަށް "ހުރިހާ"އާ ވާހަކަދެއްކި ޕީއެންސީގެ މެންބަރަކު ވިދާޅުވި އެވެ.
ސިޔާސީ ޕާޓީއަކުން މެންބަރަކު ވަކިކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނޫނު އަސާސީއަށް ގެނައި ބަދަލާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ނުފޫޒުފޯރުވަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް އެކި ފަރާތްތަކުން އަންނަނީ ތުހުމަތުކުރަމުންނެވެ.
ކޯޓްތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ސަބަބުން ކޯޓުން ވަކި ކުރާނެ ދެ ފަނޑިޔާރުން ކަނޑައަޅަންޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަމަށެވެ. ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހޭ ކަމަށް އެ ބިލްގައިވެއެވެ.
ވަކި ކުރާ ފަނޑިޔާރުންގެ ނަންތައް ފޮނުވާތާ ހަތް ދުވަހުގެ ތެރޭގައި އެ ފަނޑިޔާރުން ވަކި ކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަންޖެހޭ ކަމަށް ވެސް އެ ބިލްގައިވެއެވެ.