ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ގެ ސީއީއޯ އަހުމަދު އަނީސް ޒިންމާތަކުން އެކަހެރިކޮށްފި އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ ޕޮލްކޯގެ ސީއީއޯގެ މަގާމުގައި ހުންނެވި އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު އަނީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ޕޮލްކޯގެ ބޯޑަށް ހުށަހެޅިފައިވާތީ، އެ މައްސަލަ ނިމެންދެން ސީއީއޯގެ ޒިންމާތަކުން އަނީސް އެކަހެރި ކުރުމަށް 23 ފެބްރުއަރީގައި ބޭއްވި ޕޮލްކޯ ބޯޑުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
މިއާއެކު ޕޮލްކޯ ހިންގާ ބެލެހެއްޓުމުގެ ޒިންމާ އެ ސޮސައިޓީގެ ސެކްރެޓަރީ އިބްރާހިމް ހަލީލްއާ ހަވާލުކުރުމަށް ވެސް ބޯޑު ބައްދަލުވުމުގައި ވަނީ ނިންމާފަ އެވެ. އިބްރާހިމް ހަލީލަކީ ޖުލައި 2020 އިން ފެށިގެން ޕޮލްކޯގެ ސެކްރެޓަރީގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.
ހުޅުމާލޭގައި ފުލުހުންނަށް ހައުސިން ޔުނިޓުތަކެއް އަޅަން ޕޮލްކޯ އިން 2013 ވަނަ އަހަރު ކުރިއަށްގެންދިޔަ މަޝްރޫއުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް އޭސީސީން ތަހުގީގު ކުރަމުންދަނިކޮށް، ޕޮލްކޯގެ ސީއީއޯ، އަހުމަދު އަނީސް މަގާމުން ވަކިކުރަން ވަނީ ހުށަހަޅާފަ އެވެ.
އަނީސް އަކީ އޭސީސީން ކުރަމުންދިޔަ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެމުންދިޔަ ބޭފުޅެކެވެ. އޭނާ މަގާމުން ވަކިކުރަން އުޅެނީ ކޮރަޕްޝަންގެ މައްސަލަތަކުގެ ހެކި ފޮރުވުމަށް އޭނާ އެއްބާރުލުން ނުދޭތީކަން "ހުރިހާ"އަށް ވަނީ އެނގިފަ އެވެ.
އެ ކޮރަޕްޝަންގެ ސަބަބުން 354 މިލިއަން ރުފިޔާ ދައުލަތަށް ގެއްލިފައިވާ ކަމަށް އެ މަޝްރޫއާ ގުޅިގެން އޮޑިޓް އޮފީހުން ހެދި ހާއްސަ އޮޑިޓެއްގައި ވަނީ ބުނެފަ އެވެ.