ގޭގައި ކައްކާ ބަތްތެލި ގިނަވެއްޖެނަމަ ޖެހިގެން އަންނަ ދުވަހަށް އެ ބަތްކޮޅު ރައްކާ ކުރުމަކީ އަހަރުމެން ދިވެހިންގެ ވެސް އާދަ އެކެވެ.
އެހެން ނަމަވެސް އެގޮތަށް އެކަން ކުރުމަކީ ސިއްހީ ގޮތުން އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި އެކަމުން ސިއްހަތަށް ނުރައްކާ ކުރިމަތި ކުރުވާ ކަމަށް ސައިންސްވެރިން މިވަނީ ބުނެފަ އެވެ.
ބާކީވާ ބަތްކޮޅު އައިސް އަލަމާރިއަށް ލައި ފިނިކުރުމަށްފަހު ބޭނުން ކުރަން ވުމުން ހޫނު ކޮށްގެން ބޭނުން ކުރުމަކީ އެ ބަތުގައި އެކި ކަހަލަ ޖަރާސީމު އާލާވާ ކަމެއް ކަމަށް އެ ފަރާތްތަކުން ފާހަގަ ކުރެ އެވެ.
ފިނި މާހައުލެއްގައި ވިޔަސް ދިގު މުއްދަތަކަށް ބަތް ރައްކާ ކުރާނަމަ އޭގައި އާލާވާ "ބެސިލަސް ސެރެއަސް" ނަމަކަށް ކިޔާ ޖަރާސީމަކީ ކާނާ ވިހަވުމަށް މަގުފަހި ކުރުވާ ކަމެކެވެ.
އެގޮތުން އެގޮތަށް ރައްކާ ކުރެވިފައި ހުންނަ ބަތް ކާނަމަ ހޮޑު ލުމާއި ބޭރަށް ހިންގުން ފަދަ ކަންކަން ކުރިމަތިވުން ގާތް ކަމަށް މާހިރުން ބުނެ އެވެ.
އެހެން ކަމުން އެންމެ ރަނގަޅު ގޮތަކީ އެ ދުވަހު ކައްކާ ބަތް އެ ދުވަހު ހުސް ކުރުމެވެ. ގިނަ ވެއްޖެނަމަ ފަހަށް ރައްކާ ކުރުމުގެ ބަދަލުގައި ބޭނުން ޖެހިފައިވާ ފަރާތަކަށް އެއިން ކާން ދެވިދާނެ އެވެ.