ޤާނޫނުގެ ވެރިކަމަށް ރުޖޫޢަވުމަށް ދައުލަތުގެ ވެރިންނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.
ސަރުކާރުން ދައުލަތުގެ އެކި ބާރުތަކަށް ނުފޫޒު ފޯރުވަމުން ދާކަމަށް ވިދާޅުވެ ރައީސް ސޯލިހް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު މި ފެނިގެންދަނީ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް އެމައްސަލައަށް ސަރުކާރުގެ އިސްނެގުމުގެ މަތިން ސީދާ ސިޔާސީ ނުފޫޒު ވައްދައި, ހުރިހާ މުއައްސަސާއެއްގެ މުސްތަގިއްލުކަން ނަގާލައި, ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ ވަރަށް ނާތަހުޒީބު, ހުތުރު ޢަމަލުތަކެއް ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ މިފަދަ އަމަލުތައް ހުއްޓާލުމަށާއި ރާއްޖެ މިވަގުތު މިސްރާބު ޖަހާފަ މިވަނީ ޚުދުމުހުތާރު ވެރިކަމަކާ ދިމާލަށް ކަމަށެވެ.
"އެތައް ބައެއްގެ ބުރަ މަސައްކަތުން އަޅުގަނޑުމެން އެންމެން ހޯދި ޙައްޤުތަކާއި, ތިން ބާރު ވަކިވެފައިވާ ނިޒާމު ޚަރާބުގެ މަގަށް މިގެންދަނީ ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ބާރުތައް އެއް ކުރަން. އެކަމުގެ ހިތި ނަތީޖާ ތަޙައްމަލު ކުރަން ޖެހޭނީ އާންމު ދިވެހި ރައްޔިތުން" ސޯލިހް ވިދާޅުވި އެވެ.
ސަރުކާރުން ހުށަހަޅައިގެން ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވާލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމުގެ ވަގުތީ އަމުރެއް ނެރުމަށް ސްޕްރީމް ކޯޓުން ބުދަ ދުވަހު ތައްޔާރުވެފައި ވަނިކޮށް މަޖިލީހުން ވަނީ އަވަސްއަރުވާލައިގެން ފަނޑިޔާރުން މަދުކުރުމުގެ ބިލު ފާސްކޮށްފަ އެވެ. މީގެ އިތުރުން ހަމަ އިއްޔެ ކުއްލި ގޮތަކަށް ޖޭއެސްސީން ވަނީ ތިން ފަނޑިޔާރަކު ސަސްޕެންޑްވެސް ކޮށްފައިކަން ފާހަގަކޮށްލެވެ އެވެ.