މިއީ ނުފޫޒެއް ނެތި ފްލެޓް ލިސްޓް ނެރުނު ފުރަތަމަ ފަހަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިއްޒުއްދީން ފާލަން އަލުން ހެދުމަށްފަހު ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ފުލެޓު ލިސްޓު އަލުން ރިވިއުކުރުމުގެ މަސައްކަތް ކުރިއަށްދިޔައީ ވެސް ކުރީ ސަރުކާރުން އެކުލަވާލާފައިވާ ޕޮއިންޓު ދިނުމުގެ އުސޫލާ އެއްގޮތަށް ކަމަށާއި އެއަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށެވެ.

މިއީ ފްލެޓް ލިސްޓެއް ނުފޫޒެއް ނެތި ނެރުނު ފުރަތަމަ ފަހަރު ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި ހުޅުމާލޭ ފޭސް އެކަކުން 1000 މީހުންނަށް ފްލެޓްދީފައިވެއެވެ. އަދި ހިޔާ ފްލެޓް ލިސްޓް ވެސް ނެރުނީ މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ.

އެހެންކަމުން ރައީސް މުއިއްޒު އެ ވިދާޅުވަނީ އެމަނިކުފާނު ހައުސިން މިނިސްޓަރު ކަމުގައި ހުރެ ނެރުނު ފްލެޓް ލިސްޓްތަކަކީ ހައްގު ނޫން ފަރާތްތަކެއް ހިމެނޭ ލިސްޓްތަކެއްތޯއެވެ.

މިރޭ އެމަނިކުފާނު ވިދާޅުވީ މިއަދު ނެރުނު ފްލެޓް ލިސްޓް ހެދުމުގައި ޒައްރެއްގެ މިންވަރުގެ ނުފޫޒެއް ފޯރުވާފައިނުވާނެ ކަމަށެވެ.

"އަޅުގަނޑު ދޭނެ ޔަގީންކަމަކީ، އެންމެ ބޮޑު ޔަގީންކަމަކީ މި ލިސްޓް ހެދުމުގައި ޒައްރެއްގެ މިންވަރު ވެސް ނުފޫޒެއް ފޯރުވާފަ އެއްވެސް ފަރާތަކުން ނުވާނެ. މިއީ ނުފޫޒުން އެއްކިބާވެގެން ނެރެފައިވާ ލިސްޓެއް. މިއީ ނުފޫޒެއް ނުފޯރުވާ ހައުސިން ލިސްޓެއް ނެރުނު ފުރަތަމަ ފަހަރު. ނުފޫޒެއް ނޯންނާނެ މި ލިސްޓަކު،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން މީހަކަށް ލިބިފައި އޮތް އެއްޗެއް އަތެއް ނުލާނެ ކަމަށެވެ. އަދި މި ސަރުކާރުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ގެދޮރުވެރިކަން ޔަގީންކޮށްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.