ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ސުޕްރީމް ކޯޓުން ބަލަން ނިންމުމުން އެކަން ހުއްޓުވަން ރައީސް މުހައްމަދު މުއިއްޒު ގާނޫނުއަސާސީއާ ހިލާފަށް ފަނޑިޔާރުންނަށް ބިރު ދައްކަވަމުން ގެންދަވާ ކަމަށް ވިދާޅުވެ، އެކަމާ އިހުތިޖާޖުކުރެއްވުމުގެ ގޮތުން ސުޕްރިމް ކޯޓުގެ ފަނޑިޔާރުކަމުން ހުސްނުއް ސުއޫދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އޭނާގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލް ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާ އެކު، ސަރުކާރުން ގާނޫނުއަސާސީއާ ހިލާފަށް ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.

ޑިސެމްބަރު 8، 2019 އިން ފެށިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވަމުން ގެންދެވި ސުއޫދު މިއަދު އިސްތިއުފާ ދެއްވިއިރު، ސުއޫދާ އެކު، އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ވެސް މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ޖޭއެސްސީން ވަނީ ސަސްޕެންޑުކޮށްފަ އެވެ. އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ އޭސީސީން ބަލަމުންދާ މައްސަލައެއްގެ މައުލޫމާތު އެ ކޮމިޝަނުން ކުއްލި ގޮތަކަށް ޖޭއެސްސީ އަށް ފޮނުވުމާ ގުޅިގެން ކަމަށް ބުނެފައި ވެ އެވެ.

ސުއޫދާއި އަޒްމިރާލްދާ އަދި މަހާޒުގެ އެހެން މައްސަލަތަކެއް ޖޭއެސްސީން ވެސް ބަލަން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ކުރިން ބުނެފައި ވެ އެވެ.

ސުއޫދުގެ އިސްތިއުފާގެ ސިޓީގައި ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލް ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާ އެކު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ވެސް މަދު ކުރުމުގެ ބިލެއް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވެ އެވެ.

ސުއޫދު ތުހުމަތު ކުރެއްވި ގޮތުގައި އެއީ "ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި" އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ރައީސް އެދިވަޑައިގަންނަވާ ގޮތަށް ނިންމަން ނުފޫޒު ފޯރުވުމެވެ.

"... އެކަމަށް އިހުތިޖާޖު ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މި ހިނދުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފީމެވެ،" ސުއޫދުގެ ސިޓީގައި ވެ އެވެ.

ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާ ކަމަށް ބުނާ ވާހަކަތަކާ ސަރުކާރުގެ މެމްބަރުން ދެކޮޅު ހައްދަވައި ވިދާޅުވަމުން ގެންދަވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކޮށް، މުޅި ބެންޗު އެއްކޮށް މީގެ ކުރިން ވެސް ބަދަލުކޮށްފައިވާ ކަމަށެވެ. އެކަމަކު އިދިކޮޅުން ބުނަނީ ސަރުކާރުގެ މަސްލަހަތު އޮތް މައްސަލައެއް ސުޕްރީމް ކޯޓުގައި ހިނގަމުންދަނިކޮށް އެ ކޯޓުގެ ބެންޗުގެ އަދަދު މަދުކޮށް އަދި ބައެއް ފަނޑިޔާރުން ސަސްޕެންޑު ކުރުމަކީ ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒުގެ އިތުރުން އާއިޝާ ޝުޖޫން މުހައްމަދާއި އަލީ ރަޝީދު ހުސައިން އަދި ޑރ. މުހައްމަދު އިބްރާހީމެވެ. އެކަމަކު، އަޒްމިރާދާ އާއި މަހާޒު ސަސްޕެންޑު ކޮށްފައިވާތީ އެ ކޯޓުން މައްސަލަތައް ބެލުމަށް ވަނީ ދަތިވެފަ އެވެ.

އެހެންވެ، އެއީ ސުޕްރީމް ކޯޓުގައި "ތަޅު އެޅުވުން" ކަމަށް ވިދާޅުވެ، އެ ކޯޓު ހިންގޭނެ ގޮތެއް ހަދައިދިނުމަށް އެދި ކުރީގެ މަޖިލިސް މެމްބަރު އިބްރާހިމް އިސްމާއިލް (އިބުރާ) ވަނީ ހައި ކޯޓަށް މައްސަލައެއް ވެސް ހުށަހަޅުއްވައިފަ އެވެ.