ދިވެހި ދައުލަތާ ރައްޔިތުންގެ ހައްގުތައް ނަގަހައްޓައި އެ ހައްގުތައް ކަށަވަރު ކުރުމުގައި، ކަމާބެހޭ މުއައްސަސާތަކުން ކުރާ ހުރިހާ މަސައްކަތްތައް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއި މުސްތަގިއްލުކަމާއެކު ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީ ކުންފުންޏަކަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭގޮތަށް 11 މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލާގައި ދައުވާ ނުކުރަން ނިންމި ނިންމުން ޕީޖީ އޮފީހުން ދެމެހެއްޓުމުން އެ އޮފީހަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މަގާމުން އިސްތިއުފާ ދެއްވުމަށް އެމްޑީޕީގެ ރައީސް އަދި މަޖްލިސް ރައީސް މުހައްމަދު ނަޝީދު ވަނީ ގޮވާލައްވައިފަ އެވެ. މީގެ އިތުރުން ނަޝީދު ވަނީ ވަރަށް ހުތުރުކޮށް ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ވެންޓިލޭޓަރުގެ ވައްކަމުގެ މައްސަލާގައި ސަރުކާރުން ބައިވެރިވެފައިވާތަން ފެންނަ ކަމަށާއި ވައްކަންކުރާ ސަރުކާރަކާއެކީ އެމްޑީޕީ އޮންނާކަށް ނޭދޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން ރައީސް ސޯލިހުގެ ނުފޫޒެއް އެއްވެސް މުއައްސަސާއަކަށް ނޯންނާނެކަން ޔަގީންކަންކޮށް ދިނުމުގެ ގޮތުން ރައީސް އޮފީހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއަށް ހޯދުމަށް ބޭނުންވާކަމަށް ސިއްހީ މާހިރުން ލަފާދެއްވި ވެންޓިލޭޓަރުތައް އަވަހަށް ހޯދުމަށް ހެލްތު މިނިސްޓްރީން ހިންގި މުއާމަލާތްތަކާ ގުޅޭގޮތުން "ކޮވިޑް-19 އާ ގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް- މިނިސްޓްރީ އޮފް ހެލްތް" ގެ ނަމުގައި އޮޑިޓަ ޖެނެރަލް ނެރުއްވި ރިޕޯޓް ގައި ބައެއް ކަންކަން ފާހަގަ ކުރައްވާފައިވާތީ، އެ މުއާމަލާތްތަކުގައި ކޮރަޕްޝަންގެ ޢަމަލެއް ނުވަތަ އެއްވެސް ފަރާތަކަށް ނާޖާއިޒް ފައިދާއެއް ލިބޭގޮތަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ސަރުކާރުން އިސްވެ ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށާއި، އަދި މޯލްޑިވްސް ޕޮލިސް ސާވިސްއަށް އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް އެންގެވި ކަމަށެވެ.

"އެގޮތުން، މި މައްސަލައާ ގުޅިގެން، ކޮރަޕްޝަންގެ އަމަލެއް ހިނގާފައިވޭތޯ ބެއްލެވީ، ގާނޫނު އަސާސީއިން އެކަން މަތިކޮށްފައިވާ މުސްތަގިއްލު ކޮމިޝަން، "އެންޓި-ކޮރަޕްޝަން ކޮމިޝަން" އިންނެވެ. އެ މުއައްސަސާއިން ކުރެއްވި ތަހުގީގަށް ބޭނުންވި އެންމެހައި މައުލޫމާތުތަކާއި، ފުރިހަމަ އެއްބާރުލުން އެ ކޮމިޝަނަށް ސަރުކާރުން ވާނީ ދީފައެވެ. އަދި އެ ތަހުގީގު ހިނގަމުން ދިޔައިރު، ވީހާވެސް އިންސާފުވެރިކަމާއި އެކު މައްސަލަ ތަހުގީގު ކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުން އެ މައްސަލައިގައި ތުހުމަތު ކުރެވުނު ސަރުކާރުގެ އެންމެހައި މުވައްޒަފުން، ތަހުގީގު ނިމެންދެން މަސައްކަތުން އެކަހެރި ކުރެވުނެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އެ ނޫސްބަޔާނުގައި ވަނީ ދައުލަތުން އުފުލާ ދައުވާތަކުގެ ކަންކަމުގައި ޕްރޮސެކިއުޓަ ޖެނެރަލްއާއި، ދައުލަތުގެ ބަންޑާރަ ނައިބަށް މުސްތަގިއްލުކަން ގާނޫނު އަސާސީއިން ދީފައިވަނީ އެއްވެސް ފަރާތެއްގެ ސިޔާސީ ނުފޫޒެއް އަދި ޒާތީ ތައައްސުބެއް ނެތި މިނިވަންކަމާއި، އަދުލުވެރިކަމާއެކު ދައުވާތައް ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން، ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މިފަދަ އުސޫލުތައް ނަގަހައްޓައި، އެންމެހައި މީސްތަކުންގެ ހައްގުތައް ރައްކައުތެރި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީއިން ލާޒިމް ކުރާ ކަމެކެވެ،" ރައީސް އޮފީހުގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.