ބްރޯޑްކާސްޓިން ކޮމިޝަންގެ އަންހެން މުވައްޒަފަކަށް، އެ ކޮމިޝަނުގެ ނައިބު ރައީސް މުހައްމަދު ފަޒީން ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުވާ މައްސަލާގައި އޭނާ ވަކިކުރުމާ މެދު ގޮތެއް ނިންމުން އަންނަ ހަފުތާގެ ހޯމަ ދުވަހު ކުރިއަށް ގެންދަން ނިންމައިފި އެވެ.
ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވި މުވައްޒަފާއި ފަޒީން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށް މީގެ ކުރިން ވަނީ ސުވާލުކޮށްފަ އެވެ. އަދި ފަޒީންގެ ފަރާތުން އިތުރު ފުރުސަތަކަށް އެދުމުން، އޭނާއާ ބައްދަލުކުރުމަށް މިއަދު އޮތީ ކޮމިޓީން ތާވަލުކޮށްފަ އެވެ.
އެކަމަކު، ފަޒީންގެ ވަކީލުގެ އަންހެނުން ބަލިކަމަށް ކޮމިޓީއަށް މެއިލްއަކުން އަންގައިފަ އެވެ. އަދި އެކަން ފަޒީން ވެސް ސިޓީއަކުން ކޮމިޓީއަށް އެންގި އެވެ. އެހެންވެ އޭނާގެ މައްސަލަ ތާވަލްކުރީ އަންނަ ހޯމަ ދުވަހު ކުރިއަށް ގެންދާށެވެ.
ފަޒީންގެ މައްސަލަ މަޖިލީހުގެ ކޮމިޓީން ބަލަން ފެށީ ބްރޯޑްކޮމްގައި މަސައްކަތް ކުރާ އަންހެން ކުއްޖަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ އެ ކުއްޖާގެ ފަރާތުން އެ މައްސަލަ ކޮމިޓީއަށް ހުށަހެޅުމާ ގުޅިގެންނެވެ.
ކޮމިޓީން މައްސަލަ ނިންމައި މަޖިލީހުގެ ތަޅުމުން އެ މައްސަަލައިގައި ގޮތެއް ނިންމުމަށް ފާސްކުރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ފަޒީންއާއި އޭނާގެ ވަކީލް ހާޒިރުވާ ގޮތަށް ހަމަޖެހިފައި ވަނިކޮށް ވަކީލްގެ އަންހެނުން ބަލިވެ އުޅޭތީވެ ވަކީލަށް މިއަދު ކޮމިޓީއަށް ހާޒިރުވެވެން ނެތް ކަމަށް އަންގާފައި ވަނިކޮށެވެ.
އެ މައްސަލާގައި ކޮމިޓީން މަޖިލީހަށް ފޮނުވި ސިޓީ ތަޅުމަށް އިއްވަމުން އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ ކޮމިޝަނުގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް އެ ކޮމިޝަނުންނާއި މުވައްޒަފުގެ ފަރާތުން، ޖެނުއަރީ 9 ގައި ހުށަހަޅާފައިވާ ކަމަށެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމަކީ ފަޒީންއަށް ކުރެވޭ ތުހުމަތާ ގުޅިގެން ޖަވާބުދާރީވުމަށް އިތުރު ފުރުސަތެއް ދިނުމަށް ފަޒީންގެ ފަރާތުން އެދިފައިވާތީ އެކަމަށް ތާވަލްކުރި ބައްދަލުވުމެކެވެ. ވަކީލަށް އާދެވޭ ގޮތް ނުވުމުން މިއަދުގެ ބައްދަލުވުން މާދަމާއަށް ފަސްކޮށްދިނުމަށްވެސް ފަޒީން އޮތީ ކޮމިޓީގައި އެދިފަ އެވެ.
މިމައްސަލައިގައި މީގެކުރިން ވަނީ ފަޒީންއާއި ޖިންސީ ފުރައްސާރަ އަމާޒުވި މުވައްޒަފު ކޮމިޓީއަށް ހާޒިރުކޮށް ސުވާލުތައް ކޮށްފަ އެވެ.
ކޮމިޓީން މަޖިލީހަށް ފޮނުވި ސިޓީ މިއަދުގެ ޖަލްސާގައި ތަޅުމަށް އިއްވަމުން އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ ބްރޯޑްކޮމްގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް އެ ކޮމިޝަނުންނާއި މުވައްޒަފުގެ ފަރާތުންވެސް ޖެނުއަރީ 9 ގައި ހުށަހަޅާފައިވާ ކަމަށެވެ.
ސިޓީގައިވާ ގޮތުން ފަޒީން ވަނީ ޖިންސީ ފުރައްސާރަ އަމާޒުވި މުވައްޒަފުގެ ނުރުހުމުގައި އޭނާގެ ގައިގައި އެކި ފަހަރު މަތިން އަތްލައި ރަސްމީ ނޫން މަސައްކަތްތަކުގައި އެ މުވައްޒަފަށް ގުޅައި ބޭއަދަބީކޮށް ވާހަކަވެސް ދައްކަވާފަ އެވެ. އަދި ކޮމިޝަނުގެ އެހެން އަންހެން މުވައްޒަފަކަށް ވެސް ބޭއަދަބީ ބަހުން ވާހަކަ ދައްކާފައިވާ ކަމަށް ފާހަގަކޮަށްފައިވެ އެވެ.
"ކޮމިޝަނުގެ ނައިބް ރައީސްގެ ގޮތުގައި ހުންނަވައި ކޮމިޝަނުގެ މުވައްޒަފަކާ ބޭއަދަބީ ބަހުން ވާހަކަ ދެއްކުމާއި އެ މުވައްޒަފުގެ ގައިގައި އަތްލުމަކީ މުޖުތަމައު ގަބޫލުކުރާ އަހްލާގީ މިންގަނޑާއި އަބުރުވެރިކަމާ ހިލާފު އަމަލެއް ކަމަށް ކޮމިޓީން ދެކޭ ކަމާއި އެ ކަމަކީ މެމްބަރުކަމުގެ ސުލޫކީ ހަމަތަކާ ހިލާފު އަމަލެއް މުހައްމަދު ފަޒީން ކޮށްފައިވާ ކަމަށް ބެލެވޭ ހަމަތަކެއް ކޮމިޓީއަށް ފާހަގަކުރެވުނު،" ކޮމިޓީގެ ސިޓީގައި ބުނެފައިވެ އެވެ.
ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ފަޒީނަށް ތުހުމަތު ކުރެވޭ މައްސަލައިގައި ބައެއްގެ ޒާތީ މައުލޫމާތުތަކެއް ހިމެނޭތީ ކޮމިޓީން މިމައްސަލަ ބެލީ ސިއްރުކޮށްގެންނެވެ.