1995 ވަނަ އަހަރު ނުކުތް ފިލްމު "ކަރަން އަރުޖުން"ގެ ޝޫޓިންގެ ތެރެއިން އެ ފިލްމުގެ ލީޑު ދެ ތަރިން ކަމަށްވާ ސަލްމާން ޚާންއާއި ޝާހްރުކް ޚާންގެ މެދުގައި ހިނގި އަރާރުން ވުމެއްގެ ތެރެއިން ސަލްމާން ޝާހްރުކްގެ ގަޔަށް ބަޑިޖެހި ކަމަށް އެ ފިލްމުގެ އެހެން ތަރިއެއް ކަމަށްވާ ޖޮނީ ލިވާ ބުނެފި އެވެ.
ޖޮނީ ބުނީ ފިލްމުގެ ޝޫޓިންއަށްފަހު ކޮންމެ ދުވަހަކުވެސް އެ ޓީމުން އެކުގައި ވަގުތު ހޭދަކުރާ ކަމަށާއި އެ ވަގުތުކޮޅުގައި ސަލްމާން ޝާހްރުކްއަށް ފުރައްސާރަ ކުރާ ކަމަށެވެ.
އެފަދަ ފުރައްސާރައެއް ހޫނުވެ އެއްދުވަހަކު ސަލްމާން ބަޑިއެއް ނަގައި ޝާހްރުކް ޚާންގެ ގަޔަށް އަމާޒުކޮށް ޖެހުމުން ޝާހްރުކް ޚާން ހުރި ތަނަށް ވެއްޓުމުން އެތަނުގައި ތިބި އެންމެން ވެސް ސިހުނު ކަމަށް ޖޮނީ ބުންޏެވެ.
އެހެން ނަމަވެސް އޭގެ ކުޑަ އިރުކޮޅެއް ފަހުން ޝާހްރުކް ޚާން ތެދުވެ ސަލްމާންއާއެކު ހޭން ފެށުމުން އެއީ އެ ދެމީހުން ރާވައިގެން ކުރި ސަމާސާއެއް ކަން އެނގުނު ކަމަށް ވެސް ޖޮނީ ބުންޏެވެ.
"ކަރަން އަރުޖުން"ގެ ސެޓުގައި އެ ފިލްމުގެ ކްރޫއިންނަށް ސަމާސާކޮށް އެފަދަ ރޭވުންތައް ކުރުމަކީ ސަލްމާންއާއި ޝާހްރުކް ޚާންގެ އާދައެއް ކަމަށް ފިލްމުގައި ހަރަކާތްތެރިވި މީހުން އެކި ފަހަރު މަތިން ބުނެފައިވެ އެވެ.
"އާޕްކީ އަދާލަތު"ގައި ވާހަކަ ދައްކަމުން ސަލްމާން ވެސް ވަނީ އެ ސަމާސާއަކީ އޭނާއާއި ޝާހްރުކް ޚާން ރާވައިގެން ކުރި ކަމެއް ކަމަށް އެއްބަސްވެފަ އެވެ.
ޝާހްރުކްއާއި ސަލްމާންއަކީ 90ގެ އަހަރުތަކުން ފެށިގެން މިއަދާ ހަމައަށް ވެސް ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ބޮލީވުޑްގެ އެންމެ ފުންނާބު އުުސް ދެތަރިން ކަމުގައި ބުނެވިދާނެ އެވެ.