މި ރޯދަމަހުގެ ފަހު ދިހައެއްގައި މާލޭ ސަރައްހަދުގައި ސަލްމާން މިސްކިތާއި، އިސްލާމީ މަރުކަޒު ހިމެނޭހެން ޖުމްލަ 34 މިސްކިތެއްގައި ދަމު ނަމާދުކުރުމަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރުގެ ރަމަޟާންމަހުގެ ފަހު ދިހައެއްގައި މާލޭގެ 21 މިސްކިތަކާއި ވިލިމާލޭގެ ތިން މިސްކިތަކާއި ހުޅުމާލޭގެ 10 މިސްކިތެއްގައި ދަމުނަމާދުކުރުން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ހުޅުމާލޭގައި ދަމު ނަމާދުކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭ ފޭސް އެކެއްގެ ހަ މިސްކިތަކާއި، ދެވަނަ ފިޔަވަހީގެ ހަތަރު މިސްކިތެއްގަ އެވެ.

ދަމުނަމާދު ކުރާ މިސްކިތްތަކުގެ ތެރެއިން ރަމަޟާން މަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ދަމުނަމާދު ކުރައްވާނީ އިސްލާމީ މަރުކަޒުގެ އިސް އިމާމްގެ މުހައްމަދު ލަތީފުގެ ދެ ދަރިކަލުން ކަމަށްވާ ސަލްމާން މުހައްމަދު ލަތީފާއި ސުލްތާން މުޙައްމަދު ލަތީފް އެވެ. އަދި ސަލްމާނު މިސްކިތުގައި ދަމުނަމާދު ކުރެއްވުމަށް ހަމަޖެހިފައިވަނީ އާދަމް މިޝްއަލް ޝާމިން، މުހައްމަދު މިޝްއަލް އާޒިމްގެ އިތުރުން އަބްދުﷲ އަހުސަން ސައީދު އެވެ.

ކޮންމެ ރަމަޟާން މަހެއްގައި މާލޭގެ އިތުރަށް ރާއްޖޭގެ އެކި ރަށްރަށުގައި ދަމުނަމާދު ކުރެ އެވެ. އާންމުގޮތެއްގައި މިސްކިތްތަކުގައި ދަމުނަމާދުކުރަން ފަށަނީ މެންދަމު 2:00 އިން ފެށިގެންނެވެ.

ދަމުނަމާދަކީ، އިޝާނަމާދަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކުނަމަވެސް ނިދާލުމަށްފަހު ތެދުވެ، ފަތިސްވަގުތުގެ ކުރިން ދެރަކުއަތުން، ދެރަކުއަތުން ސަލާމްދެމުން ކުރާ ނަމާދެކެވެ. މިއީ ގަދަވެގެންވާ ސުންނަތް ނަމާދެކެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ދަމުނަމާދު ކުރުމުގެ އިތުރުން ރަމަޟާން މަހުގެ ފަހު ދިހައެއްގައި މާލޭގެ 23 މިސްކިތެއްގައި އިއުތިކާފަށް ތިބުމުގެ އިންތިޒާމު ވެސް ހަމަޖައްސާފަ އެވެ. އެއީ މާލޭގެ 15 މިސްކިތަކާއި ވިލިމާލޭގެ މިސްކިތަކާއި ހުޅުމާލޭގެ 7 މިސްކިތެކެވެ.

ރަމަޟާންމަހުގެ ފަހު ދިހައެއްގައި މިސްކިތުގައި އިއުތިކާފުކުރުމަކީ ގަދަވެގެންވާ ސުންނަތަކަށްވުމުން ގިނަ ބަޔަކު ކޮންމެ އަހަރަކު ވެސް އިއުތިކާފު ކުރަމުންދެ އެވެ. އިއުތިކާފް ކުރާނެގޮތަކީ ރޯދަމަހުގެ 20 ވަނަދުވަހު އިރު އޮއްސުމުގެކުރިން މިސްކިތަށް ވަދެ އިއުތިކާފުގެ ނިޔަތްގަނެ ޝައްވާލު މަހުގެ ހަނދުފެނިއްޖައުމަށް ދާންދެން މަޑުކުރާނީ އެވެ.

އިއުތިކާފަށް އިނުމަށް ނިޔަތް ގަތްމީހާ ޝައްވާލުމަހުގެ ހަނދުފެނުމުގެ ކުރިން ފާޚާނާކުރުމާއި ކެއުން ބުއިން ފަދަ ޒަރޫރީކަމަކަށްޓަކައި ނޫނީ މިސްކިތުން ނިކުތުން ހުއްދަވެގެން ނުވެ އެވެ. މިނޫން ހާލަތެއްގައި މިސްކިތުން ނިކުމެއްޖެނަމަ އިޢުތިކާފު ބާތިލުވެ އެވެ.