އަދަދު ނޫހުގެ ނޫސްވެރިޔާ އަދި ސީއީއޯ ހުސައިން ފިޔާޒު މޫސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބިރުދެއްކި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.
އަދަދު ނޫހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ރޭ 19:04 ހާއިރު ފޯނުން ގުޅުއްވައި ފިޔާޒުއަށް ރައީސް މުއިއްޒު ބިރުދައްކައި އިންޒާރުދީފައިވާ ކަމަށެވެ.
އެ ބަޔާނުގައި ވަނީ ރައީސް މުއިއްޒު ފިޔާޒަށް ގުޅުއްވީ، އެމްޑީޕީގެ އެއްވުމެއްގައި އެ ޕާޓީގެ މެންބަރަކު އެމަނިކުފާނުގެ އާއިލާގެ ބޭފުޅަކާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައިވާތީ އެކަމާ ކޯފާވެގެން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އާއިލާގެ ބޭފުޅަކާ ބެހޭގޮތުން އެ އެއްވުމުގައި ދެކެވުނު ވާހަކަ އަދަދު ނޫހުން ރިޕޯޓުކޮށްފައިވެސް ނުވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
"އެ މައްސަލައާ ގުޅިގެން އެންމެ ފުރަތަމަވެސް ހަބަރެއް ޝާއިއު ކުރީ އެކަން ކުށްވެރިކޮށް ސަރުކާރުގެ އިސްބޭފުޅުން ދެއްކެވި ވާހަކައިންނެވެ. ވީއިރު، އެމްޑީޕީގެ އެއްވުމެއްގައި އެޕާޓީގެ މެންބަރަކު ދެއްކެވި ވާހަކައަކާ ގުޅިގެން އެ މައްސަލައިގައި ކޯފާވެ، 'އަދަދު' ނޫހުގެ ނޫސްވެރިންނަށާއި، 'އަދަދު' ނޫހަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ގުޅުއްވައި އިންޒާރު ދެއްވަންޖެހޭ ސަބަބެއް ވެސް ނެތެވެ،" އެ ބަޔާނުގައިވެ އެވެ.
ފިޔާޒުއަށް އިންޒާރުދެއްވުމުގެ ގޮތުން އަދަދު ނޫހާމެދު، އަދި ފިޔާޒުއާ މެދު އެޅުއްވެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅުއްވާނެ ކަމަށް ވިދާޅުވި ކަމަށް އެ ބަޔާނުގައިވެ އެވެ.
"ކޯފާވެގެން ތުރުތުރުލާ އަޑަކުން ދެފަހަރު ތަކުރާރުކޮށް އެހެން ވިދާޅުވުމަށްފަހު "ތިންވަނަ ފަހަރަށް މިބުނަނީ، އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން" މިހެން ވިދާޅުވުމަށްފަހު ފޯނު ބޭއްވެވީއެވެ،" އެ ބަޔާނުގައިވެ އެވެ.
ގައުމުގެ ރައީސުލްޖުމްހޫރިއްޔާއަކީ، ދިވެހިރާއްޖޭގެ އެންމެހައި ފަރުދުންގެ މިނިވަންކަމާއި، ރައްކާތެރިކަމާއި، އެންމެހައި ރައްޔިތުންނަށް ލިބިގެންވާ އަސާސީ ހައްގުތައް ލިބިދެވޭކަން ކަށަވަރުކުރުމުގެ ޒިންމާ އޮތް ފަރާތްކަމަށްވާއިރު، އާންމު ފަރުދަކަށް ގުޅުއްވައި، ހަރުކަށި ފިޔަވަޅު އަޅާނޭ ކަމުގެ އިންޒާރުދެއްވުމުން ފެންނަނީ ރައީސް މުއިއްޒު، ދައުލަތާއި ސަރުކާރުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތަށާއި ހައިބަތަށްވެސް ހުރުމަތެއް ނުބަހައްޓަވާކަން ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނީ މިނިވަން މީޑިއާއެއްގެ ހައިސިއްޔަތުން 'އަދަދު' ނޫހުން ކުރަމުން ގެންދާ މަސައްކަތަކީ ކަންކަމުގެ ތެދުދޮގު ބަލައި ހާމަކުރުން ކަމަށެވެ.
ނޫހުގައި ހަބަރެއް ޝާއިއުކުރަނީ ތަފާތު އެތައް މަސްދަރަކުން އެ ހަބަރެއް ކަށަވަރުކުރުމަށްފަހުގައި އަދި އެކަމަކާ ގުޅޭގޮތުން ބަހެއް ވިދާޅުވުމަށް އެ ކަމެއް ރައްދުވާ ފަރާތަށްވެސް ފުރުސަތު ދިނުމަށްފަހުގައި ކަމަށް އެ ބަޔާނުގައިވެ އެވެ.
'އަދަދު' ނޫހުގައި ޝާއިއުވެސް ނުކުރާ ހަބަރަކާ ގުޅިގެން ރައީސް މުއިއްޒު ދެއްވި އިންޒާރަކީ ސަރުކާރުން އެދޭ ގޮތަށް މި ނޫހުގެ ސިޔާސަތުތައް ބައްޓަން ނުކުރާތީ އޮންނަ ހިތްޕުޅު ހަމަނުޖެހުމުގައި ދެއްވި އިންޒާރެއް ކަމަށް އެ ނޫހުން ބުންޏެވެ.
"އެހެންނަމަވެސް، އެއްވެސް ފަރާތަކުން ދޭ އިންޒާރަކަށް ނުވަތަ ދައްކާ ބިރަކަށް ޖެހިލުންވުމެއް ނެތި މި ނޫހުގެ މަސައްކަތް ކުރިއަށް ގެންދާނޭކަމުގެ ޔަގީންކަން މި ނޫހުގެ ކިޔުންތެރިންނަށާއި، ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އަރުވަމެވެ." އެ ބަޔާނުގައިވެ އެވެ.