ކޮންމެ އަހަރެއްގެ ހޫނު މޫސުމުގައި އިރުއިރުކޮޅާ ކަރަންޓު ކެނޑޭތީ، މިއަހަރުގެ ޕީކް ސީޒަނާއި ދިމާކޮށް ހުޅުމާލޭގައި ހެދި ބެކަޕް އިންޖީނުގެ ބޭނުންކުރަން ފަށައިފި އެވެ.

ރަމަޟާން މަހަށްފަހު އަންނަ ޕީކް ސީޒަނާއި ދިމާކޮށް، ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެކަމަށް ލަފާކޮށް ހުޅުމާލޭގައި ގާއިމުކުރި ބެކަޕް އިންޖީނުގެ ނުވަތަ ހުޅުމާލޭ އެނެކްސް 2 ހުޅުވާފައިވަނީ 48،000 އަކަފޫޓުގެ ބިމެއްގަ އެވެ.

ސްޓެލްކޯ އިން ބުނީ މިއަހަރުގެ ޕީކް ސީޒަންގައި އޯވާ ލޯޑްވެގެން ކަރަންޓު ކެނޑޭނެކަމަށް ނުބެލެވުނު ނަމަވެސް ދިމާވާ ޓެކްނިކަލް ކަންތައްތަކުގައި ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އިންޖީންގެ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ އެހެން އަހަރުތަކާ އަޅާބަލާއިރު މިއަހަރުގެ ރަމަޟާން މަހު، ކަރަންޓު ކެޕޭސިޓީ މައްޗަށްދާ މިންވަރު އިތުރުވާނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ، ފަހު 10 އެއް ސަރުކާރު ބަންދުކުރުމާއި އަދި ސްކޫލް ޗުއްޓީއާއި ދިމާވުމުންކަމަށް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް ރަމަޟާން މަހަށްފަހު އަންނަނީ ހޫނު މޫސުމުގެ ކަރަންޓު ޕީކްވާނެ ދުވަސްވަރު ކަމަށް ބެލެވޭތީ ސްޓެލްކޯއިން ތައްޔާރުވަމުންދާ ކަމަށް ފަހުމީ ވިދާޅުވި އެވެ.

ސްޓެލްކޯއިން ހުޅުމާލޭގައި ހެދި އެނެކްސް 2 އީންޖީނުގޭގައި 1.6 މެގަވޮޓްގެ ޖުމްލަ 12 ޖަނަރޭޓަރު ސެޓު ބެހެއްޓުމަށް ސްޓެލްކޯއިން ވަނީ ނިންމާފަ އެވެ. މީގެ ތެރެއިން ހަތް ޖަނަރޭޓަރު ސެޓު މިހާރު ކޮމިޝަންކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ބާކީ ފަސް ޖަނަރޭޓަރު ސެޓު މިރަމަޟާން މަހުގެ ތެރޭގައި ގެނެސް ރޯދައިގެ ކުރިން ކޮމިޝަންކޮށް ނިންމުމަށް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

މިއާއެކު ހުޅުމާލޭ އިންޖީނުގޭގެ އިންސްޓޯލްޑް ކެޕޭސިޓީ 19.2 މެގަވޮޓަށް އަރާނެކަމަށް ވެސް އެކުންފުނިން ބުނެ އެވެ.