ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އާދަޔާހިލާފަށް ހޫނުގަދަވެ، އިހުސާސް ކުރެވޭ ހޫނުމިން 37.2 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް އަރައިފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު ބުނިގޮތުގައި މިއަދު ހުޅުލޭގެ ހޫނުމިން 32.2 ޑިގްރީ ސެލްސިއަސްގައި ހުރި ނަމަވެސް އިހުސާސްކުރެވޭ ހޫނުމިން ހުރީ 37.2 ޑިގްރީ ސެލްސިއަސްގަ އެވެ. އަދި ހދ. ހަނިމާދޫގެ ހޫނުމިން 32.4 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 36.9 ޑިގްރީ ސެލްސިއަސްގައި ކަމަށް އެ އިދާރާއިން ބުނެ އެވެ.
މީގެ އިތުރުން ލ. ކައްދޫގެ ހޫނުމިން 31.0 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 36.3 ޑިގްރީ ސެލްސިއަސްގައި ކަމަށާއި، ގދ. ކާޑެއްދޫގެ ހޫނުމިން 31.0 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 36.6 ޑިގްރީ ސެލްސިއަސްގައި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެ އެވެ.
އެ އިދާރާއިން ބުނީ ސ. ގަމުގައި ހޫނުމިން 31.0 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 36.3 ޑިގްރީ ސެލްސިއަސްގައި ކަމަށެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ މި މަހާއި އަންނަ އޭޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދަށް ހޫނު މިން އެންމެ މައްޗަށް ދާނެ ދުވަސްވަރު ކަމަށެވެ. އަދި ވިލާ މަދުވުމާއި، ވައި މަޑުވުން އަދި ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ވައިގެ ހޫނުމިނަށް ވުރެ އިހުސާސްކުރެވޭ ހޫނުމިން މަތިވާ ކަމަށް މޫސުމާބެހޭ އިދާރާއިން ބުނެ އެވެ. އެގޮތުން މިހާރު ރާއްޖޭގެ ހޫނުމިން އިޙްސާސްކުރެވޭ މިންވަރު އުޅެނީ 37 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގައި ކަމަށް އެ އިދާރާއިން ބުނެ އެވެ.
މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތިންވަނަ ދުވަހު ރާއްޖޭގެ އިހްސާސް ކުރެވޭ ހޫނު މިން 46 ޑިގްރީއަށް އަރާފައިވެ އެވެ.
ހޫނު ގަދަވުމުގެ ސަބަބުން ދިމާވެދާނެ ބައެއް ސިއްހީ މައްސަލަތައް:
- ވަރުދެރަވުން
- އަކުނިވަޔަށްދެމުން
- ބޮލުގައި ރިއްސައި ބޯއެނބުރުން
- ހަށިގަނޑުގައި ފެންމަދުވުން
- ލޮލަށް ލިބޭ ގެއްލުން
- ހަންގަނޑު އެނދުމުގެ ސަބަބުން ހަންގަނޑު ރަތްވެ، ފޮޅުނެގުން އަދި ކުދި ރަތް ބިހި ނެގުން
ހޫނުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:
- ބޭރަށްދާއިރު ކުޑަ ބޭނުންކުރުން
- ކުލަމަޑު އަދި ހަށިގަނޑު ނިވާވާފަދަ ދޫހެދުން ލުން
- ބޯ ނިވާވާނެފަދަ ފުޅާ ތޮތްޕެއް ބޭނުންކުރުން
- އަވީގައި އުޅޭއިރު ސަންލޯޝަން ބޭނުންކުރުން
- ހަށިގަނޑުން ފެން މަދުވިޔަނުދިނުމަށް ކަރުނު ހިއްކި ނަމަވެސް ގިނައިން ފެން ބުއިން
- ރޯދަ ވީއްލުމުގައި ފެން ގިނައިން ހިމެނޭ މޭވާ ބޭނުން ކުރުން
- އަވިއައިނު އެޅުން
- ހަށިގަނޑުން ފެން ބޭރުވިޔަ ނުދިނުމަށް ހަކުރު އެކުލެވޭ ބުއިންތައް މަދުކުރުން
މިއީ ހޫނުގަދަ ދުވަސްވަރަކަށްވުމާ އެކު މިކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ. ހާއްސަކޮށް ކުޑަކުދިން ގޮވައިގެން ބޭރަށް ނުކުމެ އުޅުމުގައި ސަމާލުވާން ޖެހެ އެވެ. މި ގޮތުން އަވީގެ ދޯދިތަކުން ލޮލަށް ލިބޭ ގެއްލުމުން ސަލާމަތްވުމަށް އަވިއައިނު ބޭނުން ކުރުމާއި، ގިނައިން ދިޔާތަކެތި ބޭނުން ކުރުމަށް ވެސް ސަމާލުވާން ޖެހެ އެވެ. އަދި އަވިން ހަންގަނޑު ސަލާމަތް ކުރުމަށް ސަން ލޯޝަން ފަދަ ތަކެތި ބޭނުން ކުރުން ވެސް މުހިންމެވެ.
ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ހޫނު ގަދަ ވަގުތު ތަކުގައި ކުޑަކުދިން ބޭރަށް ނުގެންދިއުމަށް ސަމާލުކަން ދޭންޖެހެ އެވެ. އަދި ކޮންމެހެން ބޭރަށް ދާންޖެހިއްޖެ ހާލަތެއްގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ ހޫނުގަދަ ވަގުތުގައި ބޭރުގަ އުޅޭވަގުތު މަދުކުރަންވާނެ އެވެ. އަދި ތުއްތު ކުއްޖާއަށް ގިނައިން ދިޔާތަކެއްޗާއި ފެން ދިނުމަށް ސަމާލުވާންޖެހެ އެވެ.