މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރި ގޯތިތަކުގެ ތެރެއިން އެއް ބިމެއް، އެތައް ބަޔަކަށް ދީފައިހުރި މައްސަލަތަކެއް ފާހަގަވެ، އެ ކަން ތަހުގީގުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ފުލުހުންނަށް ހުށައަޅައިފި އެވެ.

އެޗްޑީސީން ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތްކުރުމުގެ ހުއްދައަށް އެދޭއިރު، އެއް ބިމަކަށް އެއް މީހަކަށްވުރެ ގިނަ ބަޔަކު ހުއްދައަށް އެދެމުންދާކަން ފާހަގަވެފައިވާ ކަމަށެވެ. އަދި އެއް ބިމެއްގައި ގޯތި އަޅަން އެތައް ބަޔަކު އެދެމުންދާތީ އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެ ގޮތުން ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ބިންތަކުގެ ޚާއްސަ އޮޑިޓެއް ހެދުމުން މިފަދަ އިތުރު މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ.

"އެހެންކަމުން މިކަން އިތުރަށް ތަޙްޤީޤުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް މިހާރު ހުށަހަޅާފައި،" އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނީ ކުރިއަށްއޮތް ތަނުގައިވެސް، މިފަދަ ކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމޭލެއިން ގޯތި ލިބޭ ފަރާތްތަކުގެ ގުރުލުން ކުރިއަށްގެންގޮސްފައިވަނީ މިދިޔަ ދައުރު ނިމެން ގާތްވެފައިވަނިކޮށް، 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު އެވެ. ގޯތި ހަވާލުކުރަން ފަށާފައިވަނީ އެ އަހަރުގެ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު އެވެ.

މާލޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމްގައި 9،000 އަށް ވުރެ ގިނަ ގޯތި މާލެ ސަރަޙައްދުން ދޫކުރުމަށް ކަނޑައެޅި އެވެ. އޭގެ ތެރޭގައި ހުޅުމާލެއިން އެކަނިވެސް 1،351 ގޯތި ދިނުމަށް ކަނޑައަޅާފައިވެއެވެ. އަދި މިހާތަނަށް 600އަށް ވުރެ ގިނަ ގޯތި ވަނީ ހަވާލުކޮށްފަ އެވެ.