ދިވެހީންގެ ތެރޭގައި މަގުބޫލު، އަދި ގިނަ ބަޔަކު އިންތިޒާރުކުރާ، ދިރާގު "ތަށިބަރި މޫވްމަންޓް" މި ރަމަޟާން މަހު ވެސް ފޯރިއާއެކު ކުރިޔަށް ގެންދަން ފަށައިފި އެވެ.

ދިރާގުން ބުނީ މި ރަމަޟާން މަހު، ދިރާގުގެ ޓީމުތަކުން މަގުމައްޗަށް ނިކުމެ، ދިރާގު ތަށިބަރިތައް އާންމުންގެ ގިނަ ފަރާތްތަކަކަށް ހަދިޔާ ކުރަމުން އަންނަ ކަމަށެވެ. މީގެ ތެރޭގައި އެކި އުމުރުފުރާތަކުގެ މީހުން ހިމެނޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.

"މި ތަށިބަރިތައް ލިބޭ ފަރާތްތަކުން ދަނީ މި އާދަކާދަ ދަމަހައްޓައި، އެ ތަށިބަރި އެހެން ފަރާތްތަކަށް ފޯރިއާއެކު ހަދިޔާކުރަމުން. 2017 ވަނަ އަހަރު ދިރާގުން މި ހަރަކާތް ފަށައިފައިވަނީ ދިވެހީންގެ ތެރޭގައި ކުރީގައި އޮތް އެއް ގެއިން އަނެއް ގެއަށް ތަށިބަރި ފޮނުވުމުގެ އާދަކާދަ ދިރުވުމުގެ މަގުސަދުގައި،" ދިރާގުން ބުންޏެވެ.

އެ ކުންފުނިން ބުނީ މިހާރު ދިރާގު ތަށިބަރި މޫވްމަންޓް ވެގެން ގޮސްފައިވަނީ ދިވެހީންގެ ތެރޭގައި މަގުބޫލު، މި ހަރަކާތާ ނުލާ ރަމަޟާން މަސް ފުރިހަމަ ނުވާނެ ފަދަ ހަރަކާތަކަށް ކަމަށެވެ. އަދި، އެހެން ކުންފުނިތަކާ އޮފީސްތަކުން ވެސް ވަނީ ދިރާގުން މި ދެއްކި މިސާލު ބަލައިގަނެ އެ ފަރާތްތަކުގެ އަމިއްލަ ތަށިބަރި ދިނުމުގެ ހަރަކާތްތައް ކުރިއަށްގެންދާ ކަމަށް ވެސް ދިރާގުން ބުނެ އެވެ.

ދިރާގުން އަންނަނީ ރަމަޟާން މަހާ ގުޅުވައިގެން އާންމުންނަށް ތަފާތު ހަރަކާތްތަކާއި އަގުހުރި އޮފާތައް ގެނެސްދީ، ދިވެހި ސަގާފަތާއި ކުރީގެ އާދަކާދަތައް ދިރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.