އާއްމުންގެ ތެރެއިން ޕޮލިސް ބޯޑަށް އައްޔަން ކުރާ ދެ މެންބަރުންގެ ގޮތުގައި މުހައްމަދު ސޯދިގު އާއި އަޙްމަދު މިޒްމާދު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ޕޮލިސް ބޯޑަށް ކުރިމަތިލުމަށް މިދިޔަ މަހު ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ހަތަރު ބޭފުޅުންގެ ތެރެއިން ސޯދިގާއި މިޒްމާދު އައްޔަންކުރަން ފާސްވީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 64 މެންބަރުންގެ ވޯޓުންނެވެ.
އެ ދެ ބޭފުޅުންގެ ތެރެއިން ސޯދިގަކީ ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރެވެ. މިޒްމާދަކީ ގާނޫނީ ވަކީލެކެވެ.
ޕޮލިސް ބޯޑަށް އާންމުންގެތެރެއިން އައްޔަންކުރާ މެންބަރުކަމަށް ހުޅުވާލުމުން ހަތަރު ބޭފުޅަކު ވަނީ ކުރިމަތިލައްވާފަ އެވެ. ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން މައްސަލަ ދިރާސާކޮށް ނިންމުމަށްފަހު އެ ދެ ބޭފުޅުންގެ ނަން ވަނީ ފާސްކޮށްފަ އެވެ.
ޕޮލިސް ބޯޑަކީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލާ ބޯޑެކެވެ. އެ ބޯޑު އެކުލެވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ދެ މެންބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި އާއްމުންގެ ތެރެއިން އައްޔަން ކުރާ ދެ މެންބަރުންނެވެ.