މި ރަމަޟާން މަހު މައްކާގެ މަސްޖިދުލް ހަރަމްގައި ގާއިމުކޮށްފައިވާ ދަތުރު ފަތުރުގެ ހިދުމަތްތަކަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެ އެވެ.

ދެ ހަރަމާ ބެހޭ އިދާރާއިން ހާމަކުރި ގޮތުގައި ރަމަޟާން މަހުގެ ފުރަތަމަ 21 ދުވަހު ޖުމްލަ 836،574 މީހުން ހަރަމްފުޅުގެ އެތެރޭގެ ދަތުރު ފަތުރުގެ ހިދުމަތްތައް ބޭނުން ކޮށްފައިވެ އެވެ.

އެގޮތުން މިދިޔަ އަހަރު ހަރަމްފުޅުގައި ތައާރަފްކުރި އިލެކްޓްރިކް ވެހިކަލް (ގޮލްފް ކާޓް) އެ މުއްދަތުގައި 643،364 މީހުން ބޭނުންކުރި އެވެ. މިއީ ތަވާފް ކުރުމަށްވެސް ބޭނުންކުރެވޭ އުޅަނދެކެވެ.

އޭގެ އިތުރުން އެޑްވާންސްޑް މެނުއަލް ކާޓް (ޕުޝް ކާޓް)ގެ ހިދުމަތް ޖުމްލަ 168،228 މީހުން ބޭނުން ކޮށްފައިވާއިރު މެނުއަލް ވީލްޗެއާ ބޭނުން ކޮށްފައިވަނީ 24،982 މީހުންނެވެ.

ރަމަޟާން މަހު ހަރަމްފުޅަށް ޒިއާރަތްކުރާ މުސްލިމުންގެ އަދަދު އިތުރުވުމާއެކު ވެސް އެއްވެސް ދަތިކަމެއް ނެތި ހަރަމްފުޅުން ދަތުރުފަތުރުގެ ހިދުމަތްތައް ލިބެމުންދެ އެވެ.

ދަތުރުފަތުރުގެ އިތުރުން ވެސް އުމްރާވެރިންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ދެ ހަރަމާބެހޭ އިދާރާއިން ވަނީ މަސްޖިދުލް ހަރަމްގައި ގިނަ ހިދުމަތްތަކެއްގެ އިންތިޒާމް ހަމަޖައްސައިދީފަ އެވެ.