ޑިޕްރެޝަންއަކީ މިއަދު އަހަރުމެންގެ ތެރޭގައި އާއްމު ވެފައިވާ ނަފްސާނީ ބައްޔެކެވެ. އެއްބަޔަކު އެ ބައްޔަށް އެކަށީގެންވާ ފަރުވާ ހޯދާއިރު އަނެއް ބަޔަކަށް އެ ބަލީގެ އަލާމާތްތަކަށް އަޅާނުލެވި ދޫކޮށްލެވެ އެވެ. މި ލިޔުމުގައި މި ބަލާލަނީ އެފަދަ ބައެއް ކަންކަމަށެވެ.
ސަބަބަކާނުލާ މާ ބޮޑަށް ބަރުދަން ލުއިވުން
ޑިޕްރެޝަންއަކީ މީހާގެ ކެއިންބުއިމުގެ އާދަތައް ބަދަލުކޮށްލާ ބައްޔަކަށްވާއިރު އަމިއްލައަށް އެއްވެސް މަސައްކަތެއް ނުކޮށް ބަރުދަން ލުއިވުމަކީ ޑިޕްރެޝަންގެ އަލާމާތެކެވެ.
މާ ބޮޑަށް ރުޅިގަދަވުން
ދިރިއުޅުމުގައި ދިމާވާ އެންމެ ކުދިކުދި ކަންކަމާ ވެސް މާ އަވަހަށް ރުޅި އައިސް ރުންކުރު ވުމަކީ ވެސް ޑިޕްރެޝަން ތަހައްމަލުކުރާ ބައެއް މީހުންގެ ފަރާތުން ފެންނަ ކަމެއް ކަމަށް މާހިރުން ވިދާޅުވެ އެވެ.
ގައިގައި ރިއްސުން
ގައިގެ އެކި ގުނަވަންތަކުގައި ރިއްސާނެ ބައިވަރު ސަބަބު ހުރެދާނެ އެވެ. އޭގެ ތެރޭގައި ޑިޕްރެޝަން ހިމެނިދާނެ ކަމަށް ގިނަ ބަޔަކަށް ގަބޫލު ނުކުރެވޭތީ އެކަމަށް އަޅާނުލެެވި ދޫކޮށްލެވެ އެވެ.
ހަނދާން ބަލިވުން
ކުދިކުދި ކަންކަން ހަނދާން ނެތި ކުރިއަށްވުރެ ހަނދާން ބަލިވުމަކީ ޑިޕްރެޝަންގެ އެންމެ ފުރަތަމަ އެއް އަލާމާތް ކަމުގައި ނަފްސާނީ ޑޮކްޓަރުން ވިދާޅުވެ އެވެ.