ޓްރެފިކް ޖޫރިމަނާ ނުދެއްކިޔަސް ކައިވެނި ކުރެވޭނެކަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲއަށް ވެސް އޮޅިއްޖެ އެވެ.

ޓްރެފިކް ޖޫރިމަނާ މައްސަލަ ހައްލުކުރަން ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ޓްރެފިކް ޖޫރިމަނާ ނުދެއްކުމުގެ ސަބަބުން ކާވެނިނުކުރެވި، ވަޒީފާއެއް ނުލިބި އެތައް ޒުވާނުންނެއް އެބަތިބި ކަމަށެވެ.

"ރައީސް ޔާމީނުގެ ވެރިކަމުގައި އެތައް ޒުވާނުން ތަކަކަށް ލައިސަންސް ނުލާ ސައިކަލް ދުއްވައިގެން ތާ އަބަދަށް އެމީހުން އެބަ ތާށިކޮށްލެވޭ. މަތިމައްޗަށް ޖޫރިމަނާއަރާގޮތަށް ޖޫރިމަނާ ހިފަހައްޓާފައި ނުވީތާކަށް އެޖޫރިމަނާއެއް އޮތިއްޔޭ ކިޔާފަ ކައިވެނި ކުރެވެނީއެއްނޫން. ވަޒީފާއަކަށް ދެވެނީކީއެއްނޫން. ވަޒީފާއަކަށް ނުދެވޭހާ ދުވަހަކު ޖޫރިމަނާ ދެއްކެނީކީއެއް ނޫން،" އީވާ ވިދާޅުވި އެވެ.

އީވާ މިމޭރުމުން މަޖިލީހުގައި ވާހަކަދައްކަވާފައިވާއިރު ރައީސް ސޯލިހު ވެސް ވަނީ ޓްރެފިކް ޖޫރިމަނާ ކުރުމުގެ ސަބަބުން ކައިވެނި ނުކުރެވޭ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ފެމިލީ ކޯޓުން ހާމަކުރާ ގޮތުގައި ކައިވެނި ކުރާއިރު ޓްރެފިކް ޖޫރިމަނާއެއް އޮތްތޯ ނުވަތަ ނެތްތޯ އެއީ ބަލާ ކަންކަމެއް ނޫނެވެ. އަދި ޓްރެފިކް ޖޫރިމަނާއެއް އޮވެގެން ވަޒީފާ ނުލިބޭ ޤަވައިދުތަކެއްވެސް އަދި ގާނޫނެއް ވެސް އަދި ހަދާފައެއް ނުވެ އެވެ.

ރައީސް ޔާމީންގެ ދައުރުގައި ޒުވާނުން ތިބީ ޓްރެފިކް ޖޫރިމަނާކޮށް އެމީހުން ތާއަބަދަށް ތާށި ކޮށްލާފައި ކަމަށް މިއަދު އީވާ ވިދާޅުވެފައިވާއިރު، ރައީސް ޔާމީންގެ ވެރިކަމުގައިވަނީ ޓްރެފިކް ޖޫރިމަނާ މައާފްކޮށްދެއްވާފަ އެވެ.

ޓްރެފިކް ޖޫރިމާނާއާއި ލައިސަންސް ނެތިގެން ސައިކަލް ދުއްވުމުން ކޮށްފައިވާ ޖޫރިމަނާތައް މައާފުކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލް ރައީސް ޔާމީން ތަސްދީގު ކުރެއްވީ 2015 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު އެވެ. އެގޮތުން ގަވާއިދާ ހިލާފަށް ޕާކް ކޮށްގެން ޖަހާފައިވާ ސްޓިކާ އާއި ލައިސަންސް ނެތިގެން ސައިކަލް ދުއްވުމާއި އެހެން ވެސް ގޮތްގޮތުން ކޮށްފައިވާ ޖޫރިމަނާތައް އެކީ މާފުކޮށްދެއްވާފައިވެއެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުން ބޭނުން ކުރާ އެއްގަމު އުޅަނދުތަކުގެ އަހަރީ ފީ ދެއްކުން ވެސް މި ގާނޫނުގެ ދަށުން އިސްތިސްނާކޮށްފައި ވެ އެވެ.

ޓްރެފިކް ޖޫރިމަނާ މައްސަލަ ހައްލުކުރަން ގޮވާލާ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ފަރާތުން މައްސަލައެއް ހުށައަޅާފައިވާއިރު، މިއަހަރުގެ މިހާތަނަށް ޖޫރިމަނާގެ ގޮތުގައި ސަރުކާރަށް 34 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަދި 2021ވަނަ އަހަރުގެ ބަޖެޓުގައި ވެސް ޓްރެފިކް ޖޫރިމަނާގެ ގޮތުގައި ބޮޑު އަދަދުތަކެއް ލިބޭނެ ކަމަށް ބުނެފައިވެ އެވެ. މިގޮތުން ހަމަ އެކަނި ޓްރެފިކް ވައިލޭޝަން ޖޫރިމަނާގެ ގޮތުގައި ވެސް 5،199،006 ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. މީގެ އިތުރުން ގާނޫނާއި ހިލާފުވެގެން 14 މިލިއަން، ގަވާއިދާ ހިލާފުވެގެން 10 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓްގައި ހިމަނާފައިވެ އެވެ.