މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އާދަޔާހިލާފު ކޮންގްރެސް އަންނަ އޯގަސްޓް 15، ގެ ކުރިން ބާއްވަން އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.

ކޮންގްރެސް ބާއްވަން ފާސްކުރީ މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރު ވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި ބައިވެރިވި 73 މެންބަރުންގެ ތެރެއިން 71 މެންބަރުންގެ ވޯޓާއެކުއެވެ.

އެ ޕާޓީގެ ކޮންގްރެސް ބާއްވަނީ ފަސް އަހަރުން އެއް ފަހަރެވެ. އާދަޔާހިލާފު ކޮންގްރެސްއެއް ބާއްވަން ގައުމީ މަޖިލީހުން ފާސްކުރަން ޖެހޭ ކަމަށް އަސާސީ ގަވާއިދުގައި އޮވެ އެވެ.

މިރޭ ވަނީ ކޮންގްރެސް ބޭއްވުމުގެ އިންތިޒާމުތައް ހަމަޖައްސަން ކޮމިޓީއެއް ވެސް ނަގާފަ އެވެ.

އެމްޑީޕީން އެންމެ ފަހުން ކޮންގްރެސް ބޭއްވީ އޯގަސްޓު، 2022، ގަ އެވެ.

އެމްޑީޕީގެ ކޮންގްރެސް އެއް ބާއްވަން ނިންމީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިސްވެ ހުންނަވައި ކޮންގްރެސް ބާއްވަން ހުށަހަޅަން ސޮއި ހަމަކޮށްފައިވާ ކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ.

އެމްޑީޕީން ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ހަތަރު ވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުން ވޯޓު ދެއްވަނީ. ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް އޮންނަ މުއްދަތުގެ ބޭރުން ބާއްވާ އާދަޔާހިލާފު ކޮންގްރެސްގެ ބައްދަލުވުމެއް އެންމެ ފަހުން އޮތީ 2018ގަ އެވެ. އެއީ އޭރު ރިޔާސީ ޕްރައިމަރީއަކުން ޓިކެޓު ލިބިވަޑައިގަތް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އޭރު އިއްވާފައިވާ ޖަލު ހުކުމެއްގެ ސަބަބުން ވާދަނުކުރެއްވޭނެތީ، ސޯލިހަށް ޓިކެޓު ދިނުމަށް އއ. އުކުޅަހުގައި ބޭއްވި ކޮންގްރެސްއެކެވެ.