ދުންފަތް މަނާވާ އުމުރުފުޅާ ކަނޑައެޅުމާއި ގުޅޭގޮތުން މިއަދު ވަޒީރުންގެ މަޖިލީހުން ގޮތެއް ނިންމަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިކަމާ ގުޅޭގޮތުން ރައީސް އޮފީހުން މިއަދު ހެނދުނު އާންމު ކުރެއްވި ވީޑިއޯގައި އެމަނިކުފާނު ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމާ ގުޅޭ ބައެއް ތަފާސް ހިސާބުތައް ހިއްސާކޮށްދެއްވާފަ އެވެ.
މޯލްޑިވްސް ހެލްތު ސްޓެޓިސްޓިކް ސާވޭ 2022 އާ ހަވާލާ ދެއްވާ ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި ގައިން ގައިން ނާރާ ބަލިތައް ގިނަވުމާއި ނުކުޅެދުންތެރިކަމަށް ހުޅަހެޅޭ އެންމެ ބޮޑު ސަބަބަކީ ދުންފަތުގެ އިސްތިޢުމާލު ކުރުން ކަމަށެވެ. އަދި ރާއްޖޭގައި ބަލިތަކާ ގުޅިން މީހުން މަރުވާ ސަބަބުތަކަށް ބަލާއިރު %84 މީހުން މަރުވަނީ، ދުންފަތުގެ އިސްތިޢުމާލު ކުރުމުން ޖެހޭ ގައިންގައިން ނާރާ ބަލިތަކުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން 2021 ވަނަ އަހަރު ހެދުނު ގައިގައިން ނާރާ ބަލިތަކާ ބެހޭ ސަރވޭއާއި ހަވާލާދެއްވާ ރައީސް ވަނީ 15 އަހަރާއި 29 އަހަރާއި ދެމެދުގެ %28.1 މީހުން ދުންފަތުގެ އިސްތިޢުމާލު ކުރާކަން ފާހަގަކުރައްވާފަ އެވެ.
ރާއްޖޭގެ ތަފާސްހިސާބުތަކުގެ އިތުރުން ދުނިޔޭގައި، ހެދިފައިވާ ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭއާ ހަވާލާ ދެއްވާ އެމަނިކުފާނު ވަނީ ސްކޫލަށް ދާ އުމުރުފުރާގެ ކުދިންގެ ތެރެއިން %45 ނިކޮޓިން މާއްދާ ހިމެނޭ ބާވަތެއް ބޭނުންކުރާ ކަމަށް ވިދާޅުވެފަ އެވެ. އެ މަނިކުފާނު ވަނީ މިކަމަކީ ރާއްޖެ ފަދަ އާބާދީއެއްގައި ވިސްނާލަން ޖެހޭ މުހިންމު ކަންތައްތަކެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ރާޢްޖޭގެ އާބާދީއަކީ 411،741 ދިވެހިން. އެހެންވީމަ މި އާބާދީގެ ތެރެއިން 2007 ޖެނުއަރީ 1 އިން ފެށިގެން މިހާތަނަށް މަރުވި މީހުން އުނިކޮށް ބަލާއިރު ބާކީ އަދަދަކީ، 102،402 މީހުން. މިއީ ރާއްޖޭގެ އާބާދީގެ 30.1 އިންސައްތަ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ރާއްޖޭގެ މުޅި އާބާދީ އަދި ޒުވާނުން ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ސަބަބުން މިޖެހޭ ބަލިތަކުން ސަލާމަތްވުމަށް އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ. އެގޮތުން ޖެނެރޭޝަނަލް ބޭން އެއް ގެނައުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެނީ،" ރައީސް ވިދާޅުވި އެވެ.
މިކަމާ ގުޅޭ ސާވޭތައް ސޯޝަލްމިޑީއާ މެދުވެރިކޮށް ކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ބައިނަލްއަގުވާމީ ޖަމާއަތްތަކާ މަޝްވަރާކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެން ކަމުން، މިއަދުގެ ކެބިނެޓު ބައްދަލުވުމުގައި މި ހުރިހާ ކަމަކަށް ރިއާޔަތްކޮށް މަޝްވަރާކޮށް ގޮތެއް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ދުންފަތް މަނާކުރާ އުމުރާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރައީސް ވަނީ އޮންލައިން ޕޯލެއް ވެސް ކުރިޔަށް ގެންދަވައިފަ އެވެ. ރައްޔިތުންގެ ޚިޔާލު ހޯދުމަށް ސޯޝަލް މީޑިއާގައި އެމަނިކުފާނު ޢާންމުކުރި ޚިޔާލު ހޯދުމުގެ ޕޯލަށް ގިނަ ބަޔަކު ވޯޓު ދީފައި ވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށެވެ.