ކޮވިޑް-19 ގެ އެންމެ ގޯސް ހާލަތުގައި ބޭނުން ކުރަން ރާއްޖެއަށް ގެންނަން އޯޑަރު ކުރި ވެންޓިލޭޓަރުތައް ލިބޭނެކަމުގެ އުއްމީދު ކެނޑި، މައްސަލަ އެންމެ ފަހުން އާބިޓްރޭޝަނަށް ހުށަހަޅަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެ ވެންޓިލޭޓަރުތަކުގެ ތެރެއިން 60 ވެންޓިލޭޓަރު ލިބޭނެ ކަމަށް ނުބެލެވޭތީ، އެ މައްސަލަ ބައިނަލްއަގުވާމީ އާބިޓަރޭޝަނަށް ގެންދަން ބަންޑާރަނައިބު ލަފާދެއްވާފައިވާ ކަމަށެވެ.

އެ ނޫސްކޮންފަރެންސްގައި މަބްރޫކް ވިދާޅުވީ ސަރުކާރުން މިހާރު ވިސްނަނީ ވެންޓިލޭޓަރު ގަންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް ދީފައިވާ ފައިސާ ހޯދުމަށެވެ. އެގޮތުން އާބިޓަރޭޝަނަށް މައްސަލަ ހުށަހަޅަން ނިންމާފައިވާކަން ހާމަކުރައްވައި އޭނާ ވިދާޅުވީ އާބިޓަރޭޝަން އޮންނާނީ ރާއްޖޭގައި ކަމަށެވެ.

"މި އާބިޓްރޭޝަންގެ އާބިޓްރޭޝަނަކަށްވާނީ ރާއްޖޭގެ އާބިޓްރޭޓާއެއް. އަދި މި މައްސަޅާގައި އަޅުގަނޑުމެން މި އެދެނީ މި އެގްރިމަންޓާއި ޚިލާފްވެފައިވާ ކަަމަށް ދެކި މިކަމަށް ދެއްކި ފައިސާ އަނބުރާ ހޯދަން. އެޓާނީ ޖެނެރަލް އަޅުގަނޑު ގާތު ވިދާޅުވި، މިކަހަކަލަ އިންޓަނޭޝަނަލް އާބިޓްރޭޝަންތަކުގައި އިންޓަނޭޝަނަލް ކޮންވެންޝަންތައް ހުރެއޭ. ޓްރީޓީތައް ވެސް ހުރޭ. މިގޮތުން ރާއްޖެއަކީ ނިއުޔޯކް ޓްރީޓީގެ ބައިވެރިއެއް. އަދި ޔޫއޭއީއަކީ ވެސް ނިއުޔޯކް ޓްރީޓީގެ ބައިވެރިއެއް،" މަބްރޫކް ވިދާޅުވި އެވެ. "މި މައްސަލަ ނިމޭ ގޮތަކުން އެ މައްސަލަ ތަންފީޒް ކުރުމުގައި ބައިނަލްއަގުވާމީ ޓްރީޓީތަކާއި ޖަމާއަތްތަކުން މަސައްކަތްކޮށްދޭނެ. ކުރާނެ. އަޅުގަނޑުމެންގެ ވިސްނުމަކީ މިހާރު އެފައިސާ އަނބުރާ ރާއްޖެއަށް ހޯދުން.".

މަބްރޫކް ވިދާޅުވީ، ވެންޓިލޭޓަރުތަކުގެ މައްސަލާގައި ޖިނާއީ ތަހުގީގެއް އޮތްނަމަ އެކަން ކުރެވެމުން ގެންދާނެ ކަމަށާއި، މިކަމުގައި އެއްވެސް މީހަކު ޝާމިލްވެފައިވާ ނަމަ އެ މީހަކާމެދު ފިޔަވަޅު އެޅޭނެ ކަމަށެވެ.

ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީ ކުންފުންޏަކަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭގޮތަށް 11 މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލާގައި ދައުވާ ނުކުރަން ނިންމި ނިންމުން ޕީޖީ އޮފީހުން ދެމެހެއްޓުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އިސްތިއުފާ ދެއްވުމަށް ގޮވާލައިފަ އެވެ.