ކޮވިޑް-19 ގެ ފަރުވާ އަށް ދުބާއީގެ ކުންފުންޏެއް މެދުވެރިކޮށް ރާއްޖެ ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމާފައިވާ ނިންމުން އިތުރަށް މުރާޖައާކުރަން އެ އޮފީހުން މިއަދު ނިންމައިފި އެވެ.
ޕީޖީ އޮފީހުން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ނިންމުން މުރާޖައާ ކުރަން އަނެއްކާ ވެސް ނިންމީ، އޭސީސީގެ އިތުރުން އެއީ ރައްޔިތުންގެ ކަންބޮޑުވުން ވެސް އިންތިހާ އަށް އޮތް މައްސަލައަކަށް ވާތީ ކަމަށެވެ.
މިއީ، ވެންޓިލޭޓަރުތަކުގެ މައްސަލަގައި ދައުވާ ނުކުރަން ޕީޖީން ނިންމި ނިންމުން އެ އޮފީހުން އަމިއްލަ އަށް މުރާޖައާ ކުރާ ދެވަނަ ފަހަރެވެ. އެގޮތަށް މިއަދު ނިންމީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެތައް ބައެއްގެ ފާޑުކިޔުން ޕީޖީ ހުސައިން ޝަމީމަށް އަމާޒުވެފައި ވަނިކޮށެވެ. އޭނާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އިދިކޮޅު ކޯލިޝަނުން ނިންމާފައިވާއިރު، ނަޝީދު އިސްވެ ހުންނަވައި ޝަމީމްގެ އިސްތިއުފާ އަށް އެމްޑީޕީގެ ތެރެއިން ވެސް ދަނީ ގޮވަމުންނެވެ.
ކޮވިޑުގައި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރު ގަތުމުގައި އޮޅުވާލުންތަކާއި މަކަރާ ހީލަތް ހެދި މައްސަލައިގައި އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއެކު އެ މިނިސްޓްރީގެ 11 މީހަކަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ޕީޖީއަށް ފޮނުވި އެވެ. ނަމަވެސް، ކުށުގެ އުންސުރުތައް ހަމަނުވާ ކަމަށް ބުނެ ޕީޖީން ވަނީ ދައުވާ ނުކުރަން ނިންމައިފަ އެވެ. އެ ނިންމުން ރިވިއުކުރި ނަމަވެސް މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުމަށް ބަދަލު ނުގެންނަން ޕީޖީ އޮފީހުން ވަނީ ނިންމައިފަ އެވެ.
އެ މައްސަލައާ ގުޅިގެން ޝަމީމަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދައުވާ ނުުކުރަން ނިންމި ނިންމުމާ ހެދި އޭސީސީއާއި އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް ހުންނާނެކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެހެންކަމުން، އެ މައްސަލައިގައި ޕީޖީ އޮފީހުން ނިންމި ނިންމުން އަލުން ބަލައި، އެކަމުގައި އިތުރަށް ބަލަން ޖެހޭ ކަންކަން އިތުރަށް ހުރިތޯ ބަލަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ މައްސަލަ މުރާޖައާ ކުރާއިރު، ފުލުހުންނާ ގުޅިގެން ހޯދާފައިވާ ހެކިތައްވެސް ވަކިން ގެނެސް، އިތުރަށް ތަހުގީގު ކުރަން ޖެހޭ ކަމެއް އޮތްނަމަ އެކަމެއް ފުލުހުންގެ އެހީތެރިކަމާއެކު ތަހުގީގު ކުރުމަށް އޭސީސީއަށް އިރުޝާދު ދިނުމަށްވެސް ގަސްދު ކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ކުރިން ދިން އިރުޝާދުގައިވާ ކަންކަން ތަހުގީގު ކުރުމުގައި އޭސީސީއަށް އެހީވުމަށް ފުލުހުންނަށް އިރުޝާދު ދިނުމަށް ވެސް ނިންމާފައިވާ ކަމަށް ބުނެފައިވެ އެވެ.
ޖިނާއީ މައްސަލައެއްގައި ދައުވާ ކުރާ އިރު ލިބިފައި ހުރި ހެއްކާއި އާންމު މަސްލަހަތަށް ބަލަން ޖެހޭ ކަމަށް ޕީޖީގެ ބަޔާނުގައިވެ އެވެ. ވެންޓިލޭޓަރުތަކުގެ މައްސަލައަކީ ޝައްކެއް ނެތް ގޮތުގައި އާންމު މަސްލަހަތާ ގުޅޭ ކަމަކަށް ވިޔަސް، އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ހުރިކަމާ މެދު ޝައްކު އުފެދިފައިވާ ކަމަށް ޕީޖީއިން ބުންޏެވެ.
"މިހާރު އަމަލުކުރަމުންދާ ގާނޫނީ ނިޒާމުގައި ހިޔާލީ ވާހަކައެއް ނުދެއްކޭނެ އެވެ. ދައުވާގެ ކޮންމެ އިބާރާތެއް ހެއްކާއެކު ސާބިތުކޮށްދޭން ޖެހެ އެވެ. އެކަމުގައި މި އޮފީހުން ބަރޯސާ ވަނީ މައްސަލައިގައި ތަހުގީގީ އިދާރާތަކުން ހޯދާފައިވާ ހެކިތަކަށެވެ،" ޕީޖީގެ ބަޔާނުގައިވެ އެވެ.
"އެއީ ޝަރުއީ ކޯޓެއްގައި މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވިދާނެ މިންވަރުގެ ހެކިތޯ ނުވަތަ ނޫންތޯ އެވެ. މި މައްސަލާގައި މި އޮފީހުން ނިންމާފައި ނިންމުން މުރާޖައާ ކުރުމުގައި، ކުރިން ދީފައިވާ އިރުޝާދުގައި ހުރި ކަންކަން ތަހުގީގު ކުރުމަށާއި ފުލުހުންގެ އެހީތެރިކަން އޭސީސީ އަށް ދިނުމަށް ފުލުހުންގެ މުއައްސަސާ އަށް އެންގުމަށް ވެސް މި އޮފީހުން ވާނީ ނިންމާފަ އެވެ."
ދިވެހި ސަރުކާރުން ދުބާއީގެ ކުންފުންޏާ ހަވާލުކުރީ 75 ވެންޓިލޭޓަރު ހޯދުމަށެވެ. އޭގެ ތެރެއިން މިހާތަނަށް ރާއްޖެ ފޮނުވީ 15 ވެންޓިލޭޓަރެވެ. މީގެ ތެރެއިން ފަހުން ފޮނުވި ފަސް ވެންޓިލޭޓަރުގެ ބައެއް އާލާތްތައް މަދެވެ. އެއްބަސްވުމުގައި ބުނާ ގޮތުން ނަމަ ރާއްޖެ އަށް އަދިވެސް 60 ވެންޓިލޭޓަރު ފޮނުވަން ޖެހެ އެވެ.
އެގްޒެކިއުޓާސްއަކީ ވެންޓިލޭޓަރުތައް އެންމެ ބޮޑު އަގުގައި ގަތުމަށް ހަވާލުކުރި ކުންފުންޏެވެ. އެ ކުންފުނިން ވެންޓިލޭޓަރުތައް ފޮނުވަން 34 މިލިއަން ރުފިޔާ ހުށަހެޅުމުން މާލިއްޔަތު ގަވާއިދާ ޚިލާފަށް 30 މިލިއަން ރުފިޔާ އެއްފަހަރާ ވަނީ ދީފަ އެވެ. މި ފައިސާ ދޫކުރީ އެއްބަސްވުމުގައި ސޮއި ވެސް ނުކޮށެވެ.