މިއަދަކީ އެމްޑަބްލިޔުއެސްސީގެ ފެނާއި ނަރުދަމާ ޚިދުމަތަށް 26 އަހަރު ފުރުނު ދުވަހެވެ. އެމްޑަބްލިޔުއެސްސީ ވުޖޫދަށް އައީ އިތުރުވަމުން ދިޔަ މާލޭގެ އާބާދީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ފެނާއި ނަރުދަމާގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދީ، ފެނާއި ނަރުދަމާގެ ޚިދުމަތް ލިބޭނެ ފުރިހަމަ މަގެއް ތަނަވަސްކޮށް ދިނުމަށްޓަކައި، 1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހު އެވެ.
އެމްޑަބްލިޔުއެސްސީއިން ބުނީ 60 ހަކަށް މުވައްޒަފުންނާއެކު، ދުވާލަކު 10،447 ކޮޑި މީޓަރުގެ ފެން، 60،000 މީހުންގެ އާބާދީއަކަށް ފޯރުކޮށްދިނުމަށް ފެށި ކުންފުނިން މިހާރު ދަނީ 900 އަށްވުރެ ގިނަ މުވައްޒަފުންނާއެކު، ދުވާލަކު 43،300 ކޮޑި މީޓަރުގެ ފެން އުފެއްދުމުގެ ގާބިލްކަން ހޯދައި، ދިވެހިރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 50 އިންސައްތަ އަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުން ކަމަށެވެ. ރައްކާތެރި ފެނާއި ނަރުދަމާގެ ޚިދުމަތް މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި އަދި ތިވާމެށްޓާ ރައްޓެހިގޮތެއްގައި، ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް އެއް އަމާޒު ކަމަށާއި އަދި އިންސާނީ ވަޞީލަތްތައް ބިނާކޮށް ކުރިއެރުވުމާއެކު، ޒަމާނީ ޓެކްނޮލޮޖީއާއި ވަޞީލަތްތައް ބޭނުންކޮށްގެން ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ޚިދުމަތުގެ ފެންވަރު އިތުރަށް ތަރައްގީކޮށް، ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ޚިދުމަތްތައް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައި ދިނުން ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ.
ގްރޭޓާ މާލެ ރީޖަންގެ އިތުރުން އެމްޑަބްލިޔުއެސްސީ އިން ކ. މާފުށި، ހދ. ކުޅުދުއްފުށި އަދި ރ. ދުވާފަރުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުން އަންނައިރު ރ. ދުވާފަރުގައި އެ ކުންފުނިން އަންނަނީ ކަރަންޓާއި ކުނި މެނޭޖްކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
އެމްޑަބްލިޔުއެސްސީ އުފެދިގެން އައީ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ކަމުގައި ވިއަސް ވޭތުވެދިޔަ 26 އަހަރު ތެރޭގައި 26 އަހަރު ދުވަހުގެ ތަޖުރިބާއާއެކު ކުންފުނިން ވަނީ ގިނަ ލަނޑުދަނޑިތަކެއް ހާސިލްކޮށްފަ އެވެ. މިގޮތުން، މިކުންފުންޏަކީ މިއަދު ރާއްޖޭގައި ހިނގާ ފެނާއި ނަރުދަމާގެ ބޮޑެތި މަޝްރޫޢުތައް ހިންގުމުގެ އިތުރުން، ފުޅާދާއިރާ އެއްގައި އިންޖީނިއަރިން، މެނުފެކްޗަރިން އަދި ފެނާއި ނަރުދަމާއާ ބެހޭ މުދާ ވިއްކާ، މަސްވެރީންނަށް އައިސް، އަދި ފުޅީގައި ބަންދުކޮށްފައިވާ ފެން އުފައްދުމާއި، ފެނާއި ނަރުދަމާ ގެ މަސައްކަތްތަކާއި ފެން ވައިރިން އަށް ބޭނުންވާ ހޮޅި އުފެއްދުމާއި، އަދި ފެން އުފައްދާ އާރުއޯ ޕްލަންޓް އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ ގާބިލްކަން ވެސް ހޯދާފައިވާ ކުންފުންޏެއް ކަން ފާހަގަ ކޮށްލެވެ އެވެ.
ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ޚިދުމަތް ދިނުމަށްޓަކައި އެމްޑަބްލިޔުއެސްސީން އަންނަނީ ތަފާތު އެކި އެކި މަސައްކަތްތައް ކުރަމުން އަންނަކަން ފާހަގަކުރަމުން އެ ކުންފުނިން ބުނީ އެމްޑަބްލިޔުއެސްސީގެ ދެ އޮޕަރޭޝަން ސެންޓަރެއްގައި އަންނަނީ އިއާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފައްދަމުން ކަމަށެވެ. އަދި ކަރުދާސް ބޭނުންކުރެވޭ މިންވަރު މަދުކުރުމުގެ ގޮތުން، އެމްޑަބްލިޔުއެސްސީ އިން އިލެކްޓޯނިކް ޚިދުމަތްތައް ވެސް ވަނީ ތައާރަފުކޮށްފަ އެވެ. އެގޮތުން އެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކަށް ކުންފުނީގެ ވެބްސައިޓް އަދި މޯބައިލް އެޕް މެދުވެރިކޮށް ޚިދުމަތްތައް ހޯދައި، ފައިސާ ދެއްކޭނެ އިންތިޒާމް ވަނީ ކަސްޓަމަރުންނަށް ފަހި ކޮށްދީފަ އެވެ.
އެ ކުންފުންޏަށް 26 އަހަރު ފުރުނުއިރު މި އަހަރު ކުންފުނިން އަންނަނީ 34 ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއު ބާރު ސްޕީޑްގައި ކުރިއަށް ގެންދަމުންނެވެ. އެގޮތުން ބައެއް ރަށްތަކުގައި އަމަލީ މަސައްކަތް ފެށިފައިވާއިރު ދެން ހުރި ރަށްރަށުގައި އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް އަންނަނީ ވަމުންނެވެ. 2020 ވަނަ އަހަރަކީ މުޅިދުނިޔެއަށް ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރިފައިވާ އަހަރެއް ނަމަވެސް އެ ކުންފުނިން ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކަށް އެއްވެސް ބުރުލެއް އެރިއަ ނުދީ އަންނަނީ ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ސަރުކާރުން ކުރަމުންގެދާ މަސައްކަތްތަކަށް ވެސް އެ ކުންފުނިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން ކޮވިޑް ފެސިލިޓީތައް ބިނާކުރުމަށްޓަކައި އެމްޑަބްލިޔުއެސްސީގެ ސީއެސްއާރު ދަށުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މީގެ އިތުރުން ސީއެސްއާރުގެ ދަށުން ތައުލީމާއި ސިއްހީ، އިޖުތިމާއީ އަދި ކުޅިވަރުގެ ދާއިރާއިން ވެސް ކުންފުނިން ވަނީ މުޖްތަމައަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
އެމްޑަބްލިޔުއެސްސީގެ 26 ވަނަ އަހަރު ފާހަގަކުރުމުގެ ގޮތުން، މިއަދު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވަނީ ހުރިހާ މުވައްޒަފުންނާ ވާޗުއްލަކޮށް ބައްދަލުކުރައްވައި މުޚާތަބު ކުރައްވާފަ އެވެ.
އޭގެ އިތުރުން 26 އަހަރު ރަމްޒު ކުރުމުގެ ގޮތުން، "ދުވުމުން 26" ގެ ނަމުގައި ކުންފުނީގެ އެކި ފަންތީގެ މުވައްޒަފުން ވަނީ "ވާޗުއަލް ރަން" އެއް ވެސް ދުވެފަ އެވެ.
އެމްޑަބްލިޔުއެސްސީގެ އަމާޒަކީ ދެމެހެއްޓެނެވި ގޮތެއްގައި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ކަމާއި އެކު ކުންފުނީގެ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.