ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތް އއ. ތޮއްޑޫގައި ރަސްމީކޮށް ދޭން ފަށައިފި އެވެ.
ދިރާގުން ބުނިގޮތުގައި ތޮއްޑޫގައި ދިރާގު ޓީވީ ތަޢާރަފުކުރީ ދިރާގު ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޕޮރޮމޯޝަންއެއް ހުޅުވާލާފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން މިހާރު ކުރިއަށްދާ ޚާއްސަ ޕޮރޮމޯޝަންގެެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ބޭނުންކުރާ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސް ވެސް (ޑީކޯޑަރު) މުޅިން ހިލޭ ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ ނިޔަލަށެވެ.
މީގެ އިތުރުން، މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރައްވާ ހުރިހާ ކަސްޓަމަރުންނަށް ޙާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވެވޭނެ ފުރުސަތު ވެސް ދިރާގުން ވަނީ ހުޅުވާލާފަ އެވެ. މި މުއްދަތުގެ ތެރޭގައި ދިރާގު ޓީވީ ކަނެކްޝަނަކަށް އެޕްލައި ކޮށްގެން 20 ނަސީބުވެރި ކަސްޓަމަރުންނަށް ހަ މަސް ދުވަހަށް ދިރާގު ޓީވީ މުޅިން ހިލޭ ބަލާލެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ދިރާގު ސީނިއާ މެނޭޖަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވި ގޮތުގައި ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ވީހާވެސް ގިނަ ރަށްތަކަށް ދިރާގު ޓީވީގެ ޚިދުމަތް ފުޅާކޮށް، ވީހާވެސް ގިނަ ކަސްޓަމަރުންނަށް ދިރާގު ޓީވީ މެދުވެރިކޮށް ހައި ކޮލިޓީގެ މުނިފޫހިފިލުވުމުގެ ޕްރޮގުރާމްތަށް ބަލާލުމުގެ ފުރުސަތު ހޯދައިދިނުމަށެވެ. އަދި ޗެނަލްތައް އިތުރުކޮށް، ކަސްޓަމަރުންނަށް އިތުބާރު ހިފޭ ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ކުންފުނިން ބުނިގޮތުގައި ސަތޭކައަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ޚިދުމަތެވެ. އަދި ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ސޮނީގެ ސްޕޯޓްސް ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައި ފުޑް ނެޓްވޯކް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ގުރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނޭ ކަމަށް ދިރާގުން ބުންޏެވެ.
"ދިރާގުން އަބަދުވެސް ބަލަނީ އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދިނުމަށް،" އެ ކުންފުނިން ބުންޏެވެ.