ރައީސް ޑރ. މުހައްމަދު މުއިއްޒު ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި, ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތަކަށް އިންކާރު ކުރައްވައި ދެއްކެވީ އިއްތިފާގެއްގެ ވާހަކަ އެވެ. އެމަނިކުފާނު ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވާ މެމްބަރު ބަދަލުކުރިތާ ތިންދުވަސް ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑް ކުރުމަކީ އިއްތިފާގެއް ކަމަށެވެ. އެހެންކަމުން މިކަމާ ގުޅިފައިވާ އިއްތިފާގުތަކަށް ބަލާލުން މުހިންމެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރުމުގެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ފެށިތަނާ, އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގެ އަދަދު ފަހަކަށް މަދުކުރަން ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު މަޖިލީހަށް ބިލެއް ހުށަހެޅި އެވެ. އެއީ ވެސް އިއްތިފާގެކެވެ.

ޖޭއެސްސީގެ މެންބަރުކަމަށް ޔަޒްމީދު އައްޔަން ކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

މަޖިލީހުގެ ތެރެއިން ބިލެއް ހުށަހަޅައިގެން ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ޖޭއެސްސީގައި ރައީސް ތަމްސީލުކުރައްވާ މެމްބަރުކަމުގެ މަގާމުން މުހައްމަދު ސަމީރު ކުއްލި ގޮތަކަށް ވަކި ކުރެއްވުމަށްފަހު އެ މަގާމަށް ޔަޒްމީދު މުހައްމަދު އައްޔަން ކުރެއްވުމަކީ ދެވަނަ އިއްތިފާގެވެ.

އަމިއްލަ ގޮތުން މެމްބަރުން ސައްތާރު ހުށަހެޅި އެ ބިލަށް ޕީއެންސީގެ ހުރިހާ މެމްބަރުން ވޯޓު ދޭންޖެހޭ ގޮތަށް ވިޕްލައިނެއް ނެރެ, އެއްވެސް މަޝްވަރާއަކަށް ފުރުސަތު ނުދީ އެ ބިލް ފާސްކުރީ ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލާގެ އަޑުއެހުމެއް ތާވަލް ކޮށްފައި އޮތް ދުވަހު އެވެ. އެއީ ވެސް އިއްތިފާގެކެވެ. އަދި މި އޮއްހާ ދުވަހު ރަނގަޅަށް މަސައްކަތްކުރި މަޖިލީހުގެ ވޯޓިން ސިސްޓަމްގައި އެދުވަހު ކުއްލި ގޮތަކަށް މައްސަލައެއް ޖެހި, ކޮންމެ މެމްބަރަކު ކޮޅަށް ތެދުވެގެން ރޯލް ކޯލް ވޯޓަކުން އަނގަބަހުން ވޯޓު ދޭން ޖެހުން ވެސް ވީ ހަމަ ބޮޑުވެގެންވާ އިއްތިފާގަކަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ރައީސް މުއިއްޒު. އުއްތަމަ ފަނޑިޔާރު މުއުތަސިމް ހުންނެވީ ހަނު.

ހަމަ އެދުވަހު ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލާގެ އަޑުއެހުން ފެށުމުގެ 15 ވަރަކަށް މިނެޓް ކުރިން, ސުޕްރީމް ތިން ފަނޑިޔާރަކާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ނިންމައި, އެކަން ޖޭއެސްސީއަށް އެންގި ވަގުތާއި ޖޭއެސްސީގެ ކުއްލި ބައްދަލުވުމެއް އޮތް ވަގުތާ ދިމާވުމަކީ ހައިރާންވާހާ ބޮޑު އިއްތިފާގެކެވެ. އަދި އެ ލިޔުން ލިބުމުން, ވަގުތުން ތިން ފަނޑިޔާރަކު ސަސްޕެންޑްކުރަން އެ ބައްދަލުވުމުގައި ނިންމުން ވެސް އެއީ އިއްތިފާގެކެވެ.

ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލް އެގޮތަށް ފާސްނުކުރަން މަޖިލީހުގެ ކައުންސެލް ޖެނެރަލާއި ގާނޫނީ ދާއިރާގެ ބޭފުޅުން ދެއްވި ލަފާތައް މަޖިލީހުގެ މެމްބަރުން ބަލައިނުގަތް ނަމަވެސް, ފަނޑިޔާރުންގެ ސަސްޕެންޝަނަށްފަހު އެ ބިލް ފާސް ތަސްދީގު ނުކުރަން ރައީސް މުއިއްޒަށް ގާނޫނީ ލަފާ ލިބިވަޑައިގެން, އެ ބިލް އަނބުރާ ފޮނުވާލެއްވީ އިއްތިފާގަކުންނެވެ.

ސުޕްރީމް ކޯޓުން އިސްތިއުފާ ދެއްވި ފަނޑިޔާރު ހުސްނުއް ސުއޫދު.

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ހުސްނުއްސުއޫދު, އޭނާގެ ސަސްޕެންޝަނާއެކު މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އާ ފަނޑިޔާރަކު އައްޔަން ކުރުމުގައި ވެސް އިއްތިފާގުތަކެވެ. އެ މަގާމަށް ފުރަތަމަ ކުރިމަތިލެއްވީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަދި ފަނޑިޔާރުކަމުގެ ތަޖްރިބާ ހުންނެވި ކުރީގެ ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތެވެ. ނަމަވެސް މަގާމު ލިބިވަޑައިގަތީ ޖޭއެސްސީން ދިން އިތުރު ފުރުސަތެއް ކުރިމަތިލެއްވި ހައެއްކަ އަހަރުގެ ތަޖްރިބާ ހުރި ފަނޑިޔާރު ހުސައިން ޝަހީދަށެވެ.

ޝަހީދު އެމަގާމަށް އައްޔަން ކުރުމަށްފަހު, ސުޕްރީމް ކޯޓުގައި ކުރިން ވެސް ތިއްބެވި ހަތަރު ފަނޑިޔާރަކު ތިއްބަވަނިކޮށް އެ ކޯޓަށް އިހަކަށް ދުވަހު އައްޔަންކުރި ފަނޑިޔާރު ޝަހީދު އެ ކޯޓުން ޖޭއެސްސީއަށް ކަނޑައެޅުމަކީ ވެސް ހައިރާންވާ ފަދަ އިއްތިފާގެކެވެ.

ފަނޑިޔާރު މަހާޒު އާއި އަޒްމިރަލްދާ ---

ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމަށް ރައީސް ތަކުރާރުކޮށް އިއްޔެ ވިދާޅުވުމަށްފަހު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ މައްސަލަ އަވަހަށް ނިންމަން ޖޭއެސްސީއަށް އަންގަވާފައިވާ ކަމަށް އިއްޔެ ވިދާޅުވި އެވެ. އެމަނިކުފާނު އެހެން ވިދާޅުވިތާ 24 ގަޑިއިރު ނުވަނީސް, އެ ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ނިންމުމަކީ ވެސް ހަމަ އިއްތިފާގެކެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑް ކުރުމާއި މަގާމުން ވަކިކުރުމާ ގުޅޭގޮތުން ފެންނަނީ ރައީސް ވިދާޅުވާ ފަދައިން އިއްތިފާގުތަކެވެ