ހަމައެކަނި ރާއްޖޭގައި ބޭނުންކުރެވޭ ވިސާ ޑެބިޓް ކާޑެއް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން ތައާރަފްކޮށްފި އެވެ.
ދިވެހި ސަރުކާރުގެ ހިއްސާވާ އެމްއައިބީ އިން ބުރާސްފަތި ދުވަހު ވަނީ ވިސާ ޕްލެޓިނަމް އަދި ވިސާ ގޯލްޑް ޑެބިޓް ކާޑު ތައާރަފްކޮށްފަ އެވެ.
އެމްއައިބީ އިން ނެރުނު ބަޔާނެއްގައި ބުނީ ޑެބިޓް ކާޑު ބޭނުންކޮށްގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ވިސާ ގަބޫލުކުރާ ޕީއޯއެސް މެޝިންތަކުންނާއި އޭޓީއެމް ތަކުން ހިދުމަތް ހޯދޭނެ ކަމަށެވެ.
އެ ބޭންކުން ވިސާ ޑެބިޓް ކާޑުކާޑު ތައާރަފްކުރިއިރު، ރާއްޖޭގައި އެހެން ބައެއް ބޭންކުތަކުން ވެސް ވިސާ ޑެބިޓް ކާޑު ދޫކުރެ އެވެ. އަދި އެ ކާޑުތަކުން އިންޓަނޭޝަނަލް ޓްރާންސެކްޝަންތައް ވަކި ލިމިޓެއްގެ ތެރޭގައި ބޭނުންކުރެވެ އެވެ.
ނަމަވެސް އެމްއައިބީގެ ކާޑު ހަމައެކަނި ރާއްޖޭގައި ބޭނުންކުރެވޭ ގޮތަށް ތައާރަފްކުރުމުން ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައި ވަނީ ހަމައެކަނި ރާއްޖޭގައި ބޭނުންކުރެވޭ ގޮތަށް ތައާރަފްކުރި އެމްއައިބީގެ ވިސާ ޑެބިޓް ކާޑަކީ ބޭނުމެއް ނެތް އެއްޗެއް ކަމަށެވެ.
އެ ބޭންކުން ބުނިގޮތުގައި ވިސާ ޕްލެޓިނަމްއަކީ ޕްރީމިއަމް އޮފަރިން އެކެވެ. ވިސާ ގޯލްޑް ކާޑާއެކު "އެވްރީޑޭ ބެނެފިޓްސް"ގެ ނަމުގައި ޑިސްކައުންޓް ސްކީމެއް ވެސް ތައާރަފްކޮށްފައިވެ އެވެ. އެ ސްކީމުން ގިނަ އަދަދެއްގެ ފިހާރަތަކުން އެމްއައިބީ ކަސްޓަމަރުންނަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެމްއައިބީން ބުންޏެވެ.
އެމްއައިބީ އިން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ އަދަދެއްގެ ވެލިއު އެޑެޑް ހިދުމަތްތައް ތައާރަފުކުރާނެ ކަމަށެވެ.
އެމްއައިބީން މީގެ ކުރިން ވަނީ "ފައިސާ ކާޑު"ގެ ނަމުގައި ޑެބިޓް ކާޑެއް ތައާރަފްކޮށްފަ އެވެ.