މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު ކަމަށް ޕީއެމްއެސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލެއްވި ހަ ބޭފުޅެއްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ.

ބްރޯޑްކޮމް މެންބަރުކަމަށް އެ މަނިކުފާނު ނަންތައް ހުށަހެޅުއްވީ، އެ ކޮމިޝަންގެ މެންބަރު އާމިނަތު އަމީނާގެ މެންބަރުކަމުގެ މުއްދަތު ޖޫން 14، 2025ގެ ނިޔަލަށް ހަމަވާތީއެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންތައް ދިރާސާ ކުރުމަށްފަހު މަޖިލީހުން ތައްޔާރު ކުރި ރިޕޯޓުގައި އެންމެ މަތިން މާކްސް ދީފައި ވަނީ ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، ޒީނާ ޒާހިރު އަށެވެ. އޭނާއަށް 85.13 ޕަސެންޓު ކޮމިޓީން ދީފައިވެ އެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަނު ކުރަން ފެންނަ މެންބަރުންގެ ނަންތައް އިސްކަންދޭ ތަރުތީބުން ރައީސް ފޮނުއްވިއިރު، އެ ލިސްޓުގެ އެއްވަނައިގައި އޮތީ އައިމިނަތު ޝިޔާނާ، މ. ފަތަހަ، ގެ ނަމެވެ. ޒީނާ ޒާހިރުގެ ނަން އޮތީ ހަތަރުވަނައިގައެވެ. ނަމަވެސް އެ ނަންތައް ދިރާސާކޮށް ކޮމިޓީން ނިންމި ރިޕޯޓުގައި އޭނާއަށް ދީފައި ވަނީ 83 ޕަސެންޓެވެ. އެއީ ކޮމިޓީން ޕޮއިންޓު ދިން ގޮތަށް ބަލާއިރު ދެވަނަ އެވެ.

އެ ލިސްޓުގެ ތިންވަނައިގައި 82 ޕަސެންޓު ލިބިގެން ޝިމްލާ އަހުމަދު އޮތްއިރު، ހަތަރު ވަނަައިގައި އޮތީ 81 ޕަސެންޓު ލިބުނު މޫސާ ރިލްވާން އެވެ. އެންމެ ދަށުން މާކްސް ލިބިގެން ފަސްވަނައިގައި އޮތީ 77.50 ޕަސެންޓު ލިބުނު ޒަމްއަތު އަހުމަދު ވަހީދު އެވެ.

އެ ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުވަން ފާސްކުރީ ހޯމަ ދުވަހުގެ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. އޭގެތެރެއިން ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަނު ކުރާނެ މެންބަރަކު ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުންނެވެ. ތަޅުމުގައި ވޯޓަށް އަހާނީ އެންމެ މަތިން ޕޮއިންޓު ލިބުނު ތަރުތީބުންނެވެ.

ރައީސް ފޮނުއްވި ނަންތަކުގެ ތެރެއިން ތަޅުމަށް ނުފޮނުވަން ކޮމިޓީން ނިންމީ އަލީ ޔޫސުފް އާއި އިބްރާހިމް އަޝްރަފް އަދި މުހައްމަދު ޝަމީމްގެ ނަމެވެ. ތަޅުމަށް ފޮނުވާ ބޭފުޅުންގެ ލިސްޓުގައި އެ ނަންތައް ނުހިމެނުނީ 75 ޕަސެންޓަށް ވުރެ ދަށުން އެ ބޭފުޅުންނަށް ޕޮއިންޓު ލިބުމުންނެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމަށް ޒީނާ އައްޔަނު ކުރަން ކޮމިޓީން ފާސްކުރިއިރު، ޒީނާވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ވެސް ބްރޯޑްކޮމްގެ މެންބަރުކަން ކުރައްވައިފައެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ 2020ވަނަ އަހަރެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު، ޕީއެސްއެމްގެ އެމްޑީއަކަށް ވެސް ފުރަތަމަ އައްޔަނު ކުރެއްވީ ޒީނާއެވެ. އެހެން ނަމަވެސް ޖެހިގެން އައި 2024ވަނަ އަހަރުގެ އޮގަސްޓު 24ގައި އޭނާވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.