ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ދާދި އިހަކަށް ދުވަހު ޔޫރަޕަށް ކުރެއްވި ދަތުރުފުޅުން އެއް ކަމެއް ވަރަށް ސާފުވެއްޖެ އެވެ.

މިއަދުގެ ސަރުކާރަށް ބޭރުގެ ގައުމުތަކާ ޖަމްއިއްޔާ ޖަމާއަތްތަކުގެ ޝައުގެއް ނެތެވެ. އޮޅުވާނުލައްވާށެވެ. ބޭރުން ޝައުގު ނެތީ މުއިއްޒުގެ ސަރުކާރަށެވެ. ދިވެހިންނަށް ނުވަތަ ދިވެހި ރާއްޖެއަކަށް ނޫނެވެ.

އިރުއިރުކޮޅުން ދިވެހިންނާއި ދިވެހިންގެ ހާލު އެމީހުން ބަލައެވެ. ދިވެހިންގެ އަސްލު ވާހަކަ ހިފައިގެންދާ ޝާހިދުމެން ފަދަ ބޭބޭފުޅުން ދައްކަވާ ވާހަކަތައް އަޑުއަހައި، ދިވެހިންނަށް ދެރައެއް ލިބުނަ ނުދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރެ އެވެ.

ޖެހުނުހާ ކަމެއްގައި، ބޭނުންވި އިރަކު ބޭނުންވި ވަރަކަށް ރާއްޖެއަށް އެހީދެމުން އައި ބޮޑު ގައުމަކުން ދިވެހިންގެ މިނިވަންކަން ނަގާލަނީއޭ ކިޔައިގެން ހިންގި ކެމްޕޭނެއްގެ ތެރެއިން ވެރިކަމަށް އައި ބަޔަކާއިމެދު އެންމެ ފުރަތަމަ ވެސް ބެރުގެ ގައުމުތަކުން ބަލާނީ ޝައްކުގެ ނަޒަރަކުންނެވެ. ވެރިކަމަށް ދޮޅު އަހަރު ނުވަނީސް "ކުރިން ބުނި ވާހަކަ ކެންސަލް"ކަމަށް ސަރުކާރުން އެއްބަސްވުމުން ޝައްކުތައް ޔަގީނަށް ބަދަލުވެ، ސަރުކާރުގެ އަގު ދުނިޔޭގެ ކުރިމަތީގައި ވެއްޓުނީ އެވެ. ނުވިތާކަށް ކުރީ ސަރުކާރަށް ވުރެ އިންޑިއާއާ ގާތް ވެގެން އުޅެން ފެށުމުން ދެން އެކަމުގައި އުފައްދާނެ އިތުރު ސުވާލެއް ވެސް ނެތީ އެވެ.

މި ސަރުކާރަކީ އެލް ބޯޑު ޖަހައިގެން އައި ސަރުކާރެކޭ ވަރަށް ގިނަ މީހުން ބުނެ އެވެ. ޕީޕީއެމްގައި ތިބި ސަރުކާރު ހިންގުމުގެ ތަޖުރިބާހުރި އެންމެން އެއް ފަރާތްކޮށް، ސަރުކާރަށް ވެއްދި ކިރިޔާވެސް ތަޖުރިބާއެއް ހުރި މީހެއްނަމަ އެމީހަކަށް ތާކުންތާކު ނުޖެހޭ މަސައްކަތްތަކެއް ހަވާލުކޮށްގެން ރައީސް މުއިއްޒު ސަރުކާރުން ހިންގަމުން ދަނީ އަދިވެސް އެލް ބޯޑުގަ އެވެ.

ޚާރިޖީ ސިޔާސަތެއް ނެތި އައިސް އުޅެން ފެށި ގޮތުގެ ސަބަބުން ލިބުނު ގެއްލުމުން އަދިވެސް އަރައެއް ނުގަނެވެއެވެ. އަރަބި އިސްލާމީ ލީޑަރުންނާ ކުރީ ސަރުކާރުތަކުން ގާތްކަމެއް ބެހެއްޓީތީ، މޮޅުތަކެއް ވާނެކަމަށް ގޮސް ތުރުކީއާއި ގުޅުން ބަދަހިކުރަން އުޅުމުން އެކަން ގޮވީ އަތަށެވެ. ދެކޮޅުންވެސް ކޮޅު ކެއްސެވެ. އިންޑިއާއަށް ރަތް މަހަކަށް ނުގޮވާ ވަރަށް ގޮވާފައި އައިސް ވެއްޓެން ޖެހުނީ އިންޑިއާގެ ފައި ބުޑަށެވެ.

ސަރުކާރުގެ ހާރިޖީ ސިޔާސަތު ފެއިލްވެފައި އޮތް ވަރު އަނެއްކާވެސް ފެނުނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އިހަކަށް ދުވަހު އިނގިރޭސިވިލާތަށާއި ބްރަސަލްސްއަށް ކުރެއްވި ދަތުރުފުޅުންނެވެ. ޝާހިދު ވަޑައިގެން އެގައުމުތަކުގައި ތިއްބެވި އިސް ބޭބޭފުޅުންނާއެކު ބައްދަލުކުރައްވައި އުޅުއްވިއިރު ހީވީ ގާތް ރަހުމަތްތެރިންތަކެއް ބައްދަލުވެގެން އުޅުނުހެންނެވެ.

އެމްޑީޕީގެ ރައީސް ޝާހިދު، ޔޫރަޕުގެ ޕާލަމެންޓްގެ އިސްފަރާތްތަކާ އެކު.

ހަގީގަތަކީ ވެސް އެއީ އެވެ. އެއީ ޝާހިދުގެ ގާތް ބޭފުޅުންނެވެ. އެގައުމުތަކުގައި ތިބި ޑރ. މުހައްމަދު މުއިއްޒުގެ ސަފީރުންނާ ވާކަމެއް ހަރާމެވެ. އިނގިރޭސިވިލާތުގައި ހުންނަވާ ސަފީރުވެސް އިންޓަނެޓުން ފެންނަހާ ފޭކް ޑޮކްޓަރޭޓްތައް ހޯއްދަވާ، ސެލްފީ ނަންގަވަން އުޅުއްވާއިރު، އިނގިރޭސިވިލާތާއި ނުވަތަ ކޮމަންވެލްތާއެކު ގާތް ގުޅުމެއް އުފެއްދޭތަނެއް ނުފެނެ އެވެ.

ވިލާތުގެ އިއްތިޙާދަށްވެސް ސަފީރަށް ކަނޑައަޅާފައި ހުންނަވާއިރު އެބޭފުޅާއާއި ޕައޯލާ ޕަމްޕަލޯނީފަދަ ބޭބޭފުޅުންނާ މާބޮޑު ގުޅުމެއް އޮތްތަނެއް ނުފެނެ އެވެ. ޕައޯލާއަކީ ކާކު ކަމާއި، ކިހާ ވަރެއްގެ ބޭފުޅެއްކަން ނޭނގޭ ބަޔަކަށް އެކަން ނުކުރެވިދާނެއެވެ. އެކަން ދަންނަ، ޝާހިދުފަދަ ބޭފުޅުންނަށް އެކަން ކުރެވޭނެ އެވެ.

ހަމަ ހަގީގަތުގައި ވެސް ބޭރުގެ ޝައުގެއް މިއަދުގެ ސަރުކާރަކަށް ނުވަތަ ސަރުކާރުގެ އިސްވެރިންނަކަށް ނެތެވެ. އެމީހުންނަށް ހަމަކަމުދަނީ މިނޫން ގޮތެކެވެ. ވިލާތުގެ ޑިޕްލޮމެޓުންނަކީ ޑރ. މުއިއްޒުހެން ވިދާޅުވާން ޖެހޭ އެއްޗެއްސާއި ވިދާޅުވާން ނުޖެހޭ އެއްޗެހި ނޭނގޭ ބޭފުޅުން ނޫންކަމުން އެބޭފުޅުން އެހެން ވިދާޅު ނުވަނީ އެވެ.