ދުނިޔޭގެ އެމަޖަންސީ ފަރުވާގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ހަރަކާތް "ވޯލްޑް އެމަރޖަންސީ މެޑިސިން ޑޭ، ފަން ފެއަރ" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެއްޖެ އެވެ. މިދިޔަ ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ރުއްގަނޑު 1 ގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުންވެސް ވަނީ ބައިވެރިވެފަ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސްޓޯލުން ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް އަމާޒުކޮށްގެން އެކި ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވެ އެވެ. މިގޮތުން ފަސްޓް އެއިޑް އަދި ސީޕީއާރު ފަރުވާއާ ބެހޭ މުހިއްމު މައުލޫމާތު ފޯރުކޮށްދީފައިވެ އެވެ. އަދި ކުޑަކުދިންނަށް ހާއްސަކޮށްގެން އަލްޓްރާސައުންޑް ސްކޭން ކޮށްގެން ހަށިގަނޑުގެ އެތެރެ ދައްކައިދިނުމުގެ ހަރަކާތްތައްވެސް ވަނީ ކުރިޔަށް ގެންގޮސްފަ އެވެ.

މި ހަރަކާތުގައި އެކި ބާވަތުގެ އެމަޖަންސީ ހާލަތްތަކުގައި ބޭނުންކުރާ އާލާތްތަކާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން، އެފަދަ ހާލަތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ މައުލޫމާތުވެސް ވަނީ ބައިވެރިންނާ ހިއްސާކޮށްފަ އެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން މިފަދަ ހަރަކާތްތައް މެދުވެރިކޮށް ސިއްހީ ހޭލުންތެރިކަން އިތުރުކުރުމަށް އަބަދުވެސް މަސައްކަތްކުރަމުން ގެންދާކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް މިފަދަ ހަރަކާތްތަކަށް އެއްބާރުލުން ދޭނެކަމަށް އެ ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފަ އެވެ. މި ކާމިޔާބު ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ މެނޭޖްމަންޓަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ޚާއްސަ ޝުކުރެއް އަދާކޮށްފަ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއި އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.