ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ވާހަކަ، "ހެރީ ޕޮޓާ"ގެ މައްޗަށް ޓީވީ ސީރީޒްއެއް ހަދަން އެޗްބީއޯއިން ނިންމައި އޭގެ މަސައްކަތް ފަށައިފި އެވެ.
ދާދި ފަހުން ނެރުނު ބަޔާނެއްގައި އެޗްބީއޯއިން ބުނީ ހެރީ ޕޮޓާ ޓީވީ ސީރީޒްގެ ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ބައެއް ތަރިން ވެސް ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން އެ ސީރީޒްއިން ފެނިގެންދާނެ ތަރިންގެ ތެރޭގައި ނިކް ފްރޮސްޓް، ޖެނެޓް މެކްޓިއާރް، ޖޯން ލިތުގޯ، ޕައުލް ވައިޓްހައުސް އަދި ލޫކް ތެލަން ހިމެނެ އެވެ.
އެޗްބީއޯއިން ބުނީ އެ ސީރީޒްއަކީ ޖޭކޭ ރޯލިންގެ ކާމިޔާބު ވާހަކަ "ހެރީ ޕޮޓާ"ގެ އަސްލާ އެންމެ ގާތްކުރާ ގޮތަށް އުފައްދާ އުފެއްދުން ކަމަށެވެ. އެގޮތުން އެ ސީރީޒްގެ ކޮންމެ ސީޒަންއެއްގައި ވެސް ބެލުންތެރިން ޝައުގުވެރިވާފަދަ ގިނަ ކަންތައްތަކެއް ހިމެނޭނެ އެވެ.
ހެރީ ޕޮޓާ ވާހަކައަށް ހޮލީވުޑްގެ ފިލްމު ފްރެންޗައިޒްއެއް ވެސް އުފައްދާފައިވާއިރު އެ ފިލްމުގެ ލީޑުން ފެނިފައިވަނީ ޑެނިއަލް ރެޑްކްލިފްއާއި އެމާ ވެޓްސަން އެވެ.
"ހެރީ ޕޮޓާ"ގެ ޓީވީ ސީރީޒް ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށް ބެލެވެނީ 2026 ވަނަ އަހަރުގެ ފަހުކޮޅު ނުވަތަ 2027ގެ ކުރީކޮޅު އެވެ.